ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް މުއާޒު އަލީ (ޓީވީ މުއާ) އިސްތިއުފާ ދެއްވައިފިއެވެ.
ޕީޕީއެމްއިން ވަކިވިކަން މުއާ އިއުލާން ކޮށްފައިވަނީ މިރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަމުންނެވެ.
މުއާ ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން ޕީޕީއެމްގައި މަސައްކަތް ކުރެއްވިއްޖެ ކަމަށާއި، އިތުރަށް މަސައްކަތް ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.
ރައީސް ޔާމިންގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ މުއާ އިސްތިއުފާ ދިންކަން އިއުލާން ކޮށްފައިވާއިރު، އޭނާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް ޕާޓީއާ ގުޅެން އުޅޭކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.
މުއާގެ މި ނިންމުން ނިންމަވާފައިވާއިރު، މިރޭ ބޭއްވި ކޮންފަރެންސް ގައި އޭނާ ވަނީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު އަށް ތާއިދު ކޮށް ވާހަކަ ދައްކަވާފައެވެ.
މީގެއިތުރުން ޕްރެސް ކޮންފަރެންސްގައި މުއާ ވަނީ ރިޔާސީ ލޯންޗު ގޮއްވާލުމާއި ބެހޭ ގޮތުން އާއްމު ނުކޮށް ހުރި ބައެއް މައުލޫމާތްތައްވެސް ނޫސްވެރިންނާ ހިއްސާ ކުރައްވާފައެވެ.