ފިނިފެންމާ ލޯންޗުކޮޅުގައި ބޮން ގޮވާތަނުގައި ކުރީގެ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ބޭއްދެވީ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ޕީޕީއެމުން މިރޭ އިސްތިއުފާ ދެއްވި އިބްރާހީމް މުއާޒު އަލީ ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ މޫކައި ހޮޓެލްގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މުއާޒު ވިދާޅުވީ، ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާ ހިނގި ދަތުރުފުޅުގައި ރައީސް ޔާމީން އަމަލުފުޅު ކުރެއްވީ އެހެން ދަތުރުފުޅުތަކުގައި އަމަލު ކުރައްވާ ގޮތަށް ނޫން ކަމަށެވެ.
އެގޮތުން ލޯންޗްކޮޅަށް އަރައި ވަޑައިގަންނަވާ ރައީސް ޔާމީން އެދުވަހު އިށީނދެވަޑައިގަތީ އާންމުކޮށް އިށީނދެވަޑައިގަންނަވާ ގޮނޑިކޮޅުގައި ނޫން ކަމަށާއި، އެގޮނޑިކޮޅުގައި އިށީނދެވަޑައިގަތީ އެމަނިކުފާނުގެ އަނބިކަބަލުން ފާތުމަތު އިބްރާހިމް ކަމަށެވެ. މުއާޒު ވިދާޅުވީ މެޑަމް ފާތުން، ބޮން ގޮވިއެ ގޮނޑިކޮޅުގައި ބެހެއްޓެވީ ރައީސް ޔާމިން ކަމަށެވެ.
މުއާޒު ވިދާޅުވީ ލޯންޗްކޮޅުގައި އެއްޗެއް ގޮވިއިރު، އަޑު ހުރީ ރައީސް ކަމަށް ހުވާކުރައްވާއިރު، އެމްއެންޑީއެފުން އަރުވާ 21 ބަޑީގެ ސަލާމްގެ އަޑު ހުންނަ ގޮތަށް ކަމަށެވެ. އަދި ލޯންޗްކޮޅުން އަލިފާނުގެ އެއްވެސް އަސަރެއް، ކުލައެއް ފެނިފައިނުވާ ކަމަށެވެ.
"މިމައްސަލަ އެންމެ ގާތުން ފެނުނު އެކަކަކީ އަޅުގަނޑު. ބިރުވެރި ހާދިސާއެއް އެއީ. މާލޭގެ ފަޅު ތެރޭގައި އެހާދިސާ ހިނގިއިރު ނޫސްވެރިންނަށް މަންޒަރު ފެންނާނެ. އެހާދިސާގެ ބިރުވެރިކަމުން އަޅުގަނޑަށް ލިބުނު ނަފްސާނީ ގެއްލުން. ގޮވިގަޑީގަ އަޅުގަނޑަށް އެތާ ތެރެއިން އެއްވެސް ތަނެއް ފުރަތަމަ ނުފެނޭ. އަޅުގަނޑުގެ ފައިބުޑަށް ފަސްޓްލޭޑީ ޖެހިވަޑައިގެންނެވި. އަޅުގަނޑު އެކަނި އެކަމަނާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިން. އެކަމަނާ އެދިލެއްވި މައްޗަށް ނުފޫލުއްވުމަށް. އެހެންވެ ދަމާފަ ގެންނަން ޖެހުނީ. އޭރުގެ ރައީސް ޔާމީން އަޅުގަނޑަށް ނުފެނޭ. އާއިލާ ބޭފުޅުންގެ ރުއިމުގެ އަޑުފުޅު އިވުނު. ފަހުން ރައީސް ޔާމީން ފެނުނުއިރު އެމަނިކުފާނުގެ އިސްތަށިފުޅުގަ ގޮވިއެއްޗެހީ ކުދިކުދި އެތިކޮޅުތައް ހުރި ވަރަށް ބައިވަރު." މުއާޒު ވިދާޅުވިއެވެ.
މީގެ އިތުރަށް މުއާޒު ވިދާޅުވީ މި މައްސަލަ ތަހުގީގު ކުރުމަށް ކޮމިޝަނަށް އެކުލަވާލެއްވުމަށްފަހު އެކޮމިޝަންގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެމައްސަލަ ތަހުގީގު ކުރަވަމުން ގެންދެވި ކަމަށާއި، އަދި އެހާދިސާގެ ވީޑިއޯ ނޫސްވެރިންނަށް ދެއްކުމަށް ސީޑީއެއް ދެއްވި ކަމަށެވެ. އަދި އެވީޑިއޯއިން އަލަށް ލޯންޗްކޮޅުން އަލިފާނުގެ ކަނި ފެނިގެން ދިޔަ ކަމަށެވެ.
މުއާޒު ވިދާޅުވީ އަލިފާން ލޯންޗުކޮޅުން ފެނުމުން ހައިރާންވެވަޑައިގެންނެވި ކަމަށާއި، އެލޯންޗްކޮޅުގައި ތިއްބެވި އެހެން ބޭފުޅުންނާއި ސުވާލުކުރުމުން ވެސް އެބޭފުޅުންނަށް އަލިފާނުގެ އެއްވެސް ކަމެއް ލޯންޗްކޮޅުން ނުފެންނަ ކަމަށް އެބޭފުޅުން ވިދާޅުވެފައިވާ ކަމަށް މުއާޒު ފާހަގަކުރެއްވިއެވެ.
ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވުމުން ހަމަ އެންމެން ތިބީ ޝޮކެއްގަ. ދެން މިމައްސަލާގައި އަޅުގަނޑު ޕޮލިހަށް ހާޒިރު ކުރި. ބަޔާން ނެގި. ގޮވިގަޑީގަ އަލިފާންގެ ހާދިސާއެއް ފެނުނުހޭ. އެހެންނަމަވެސް އަލިފާނުގެ ކުލައެއް އަސަރެއް އަޅުގަނޑަށް ނުފެނޭ. އެހެން އޮންނާނެ މިމައްސަލާގައި ބޮޑު ބަޔާނެއް ދެއްވާފަ ނުފެންނަ ކަމަށް"
މުއާޒު ވިދާޅުވީ އެވީޑިއޯއިން އަލިފާން ފެންނަތީ އެއީ ކޮންތާކުން ހޯދި ވީޑިއޯއެއްތޯ ސުވާލު ކުރުމުން އެއީ ރައީސް އޮފީހުގެ ކެމެރާއަކުން ނެގިފައިވާ ވީޑިއޯ އެއް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް ރައީސް އޮފީހުގެ އެއްވެސް މުއައްޒަފަކު ހުޅުލެއިން، މާލެއަށް އަންނަންދެން ކެމެރާ ރިކޯޑް ކޮށްގެން ހުންނާނެ ކަމާއި މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ވީޑިއޯ ވަރަށް ފަސޭހައިން އެޑިޓް ކުރެވޭނެކަން ފާހަގަކުރައްވައި މުއާޒު ވިދާޅުވީ މިމައްސަލާގައި ސުވާލު އުފެދޭ ގިނަކަންކަން ހިނގާފައިވާ ކަމަށާއި، މިމައްސަލަ މިސަރުކާރުން އަލުން ތަހުގީގު ކުރަންޖެހޭ ކަމަށެވެ. އަދި މިހާދިސާގައި ފޮރުވިފައިވާ ކަންތައްތަކެއްވާ ކަމަށް ވެސް މުއާޒު ތުހުމަތުކުރެއްވިއެވެ.