ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ސްޕޯކް ޕަރސަންގެ ހައިސިންޔަތުން އިބްރާހިމް މުއާޒު އަލީ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަކީ ޕީޕީއެމްގެ ފަރާތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް ނޫން ކަމަށް ޕީޕީއެމުން ބުނެފިއެވެ.
ބުދަ ދުވަހުގެ ރޭ 8:45 އަކަށް މޫކައި ހޮޓެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ނޫސްވެރިންގެ ބައްދަލުވުމަށް މީޑިއާތަކަށް ވަނީ ދައުވަތު ދީފައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމާއި ގުޅޭ ގޮތުން ޕީޕީއެމްގެ އެސްޖީ މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ ޕީޕީއެމުން ބާއްވާ ނޫސްވެރިންގެ ބައްދަލުމެއް ނޯންނާނެ ކަމަށާއި، ޕީޕީއެމްގެ ޕްރެސްއަކަށް ދައުވަތު ދެވޭނީ ޕީޕީއެމްގެ ސްޕޯކްޕާސަން އަލީ އާރިފް އާއި، ރައީސްއާ ނައިބް ރައީސް އަދި ޕީޖީ ލީޑަރު އަހުމަދު ނިހާން ހަސަން މަނިކަށް ކަމަށެވެ.
މުންދު ވިދާޅުވީ މެންބަރަކު އަމިއްލައަށް ދައްކާ ވާހަކައެއް ދައްކަންވީ ކަމަށާއި، ނަމަވެސް ޕީޕީއެމްގެ ނަން ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި މުއާޒު ބާއްވާ މިނޫސްވެރިންގެ ބައްދަލުވުމަށް ރައީސް ނުވަތަ ނައިބް ރައީސުން ހުއްދަ ނުދެއްވާ ކަމަށް މުންދު ވިދާޅުވިއެވެ.
މީގެ އިތުރަށް މުންދު ވިދާޅުވީ ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުން ބާއްވާނީ އަބަދުވެސް އެޕާޓީގެ އޮފީހުގައި ކަމަށާއި، އެހެން ތަންތަނުގައި ނުބާއްވާނެ ކަމަށެވެ.