ބާ އިންޖީނުގެ ހުރި ބިމުގައި ހަދާފައިވާ ސެންޓްރަލް ޕާކު ވަގުތީ ގޮތުން ހުޅުވައިފިއެވެ.
ބުދަ ދުވަހު ވަގުތީ ގޮތުން ޕާކް ހުޅުވާފައި މާލެ ސިޓީ ކައުންސިލުން ޕާކު ތަރައްގީ ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމަށް ފަހުއެވެ.
މާލެ ސިޓީގެ ޑެޕިއުޓީ މޭޔާރު ޝަމާއު ޝަރީފް ރާއްޖެ އެމްވީ އަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ބޭނުން ވަނީ އާއްމު ރައްޔިތުންގެ ހިޔާލާ އެއްގޮތަށް ޕާކް ތަރައްގީ ކުރަން ކަމަށެވެ.
ޝަމާއު ވިދާޅުވީ، ސިޓީ ކައުންސިލުން ޕާކާ ހަވާލުވި އިރު އެތަން އޮތީ ކުނިގޮނޑެއްގެ ގޮތުގައި ކަމަށާއި މިހާރު ވަރަށް ބޮޑަށް ސާފު ކޮށްފައިވާ ކަމަށެވެ.
އެގޮތުން 17 ޕިކަޕްގެ ކުނި ބޭރުކޮށް ރޭނގަޑު ބޭނުންކުރެވޭ ގޮތަށް ލައިޓްތައް ޖަހާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޕާކް ތަރައްގީކޮށް ހުޅުވުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެކަން ކުރިއަށް ގެންދަނީ އެކުލަވާލާފައިވާ ޕްލޭނެއްގެ ދަށުން ކަމަށް ޝަމާއު ވިދާޅުވިއެވެ.
ޕާކު ތަރައްގީ ކުރަނީ ރައްޔިތުންގެ އެއްބާރުލުމާ އެކުގައި ކަމަށާއި ގިނަ ދުވަސް ވަންދެން ރަނގަޅު ގޮތެއްގައި ދެމެހެއްޓޭނީ އާއްމުންގެ އެއްބާރުލުމާ އެކުގައި ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުދާން ބަގީޗާގެ ގޮތުގައި އާޓިފިޝަލް ގަސްތަކާއި ލައިޓްތަކާ އެކު ސަލްޓަން ޕާކް ތަރައްގީކުރުމަށް ފަހު ކުޑަ ދުވަސްކޮޅެއް އެ ތަން ރޫޅާލައި އެ ތަނުގައި ހުރި ތަކެތި ގެންގޮސް ސެންޓްރަލް ޕާކްގައި ބެހެއްޓިއެވެ. އަދި މިނިވަން ފަންސާހާ ދިމާކޮށް ބޮޑު ހޭދައެއް ކޮށްގެން ބަނދެފައިވާ ކަޅު އޮފުންމި ވެސް އެ ތަނުގައި ބޭއްވިއެވެ. އެތަން ހުޅުވާނެ ކަމަށް ސަރުކާރުން ބުނަމުން ދިޔަ ނަމަވެސް އެތަން އޮތީ ގޮނޑެއްގެ ގޮތުގައި ބާއްވާފައެވެ.