ސުނާމީ ކާރިސާގައި ދިވެހިން ދެއްކީ ދުލާއި ޤަލަމުން ބަޔާން ނުކުރެވޭފަދަ އެއްބައިވަންތަ ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރައީސް މައުމޫނު ނެރުއްވި ބަޔާނުގައި ވިދާޅުވީ ސުނާމީ އެރި ދުވަހު ދިވެހި ރައްޔިތުން ދެއްކެވި އަޚުވަންތަކަން ފާހަގަ ކުރާ ކަމަށާއި، ދިވެހިން ދެއްކެވީ ދުލާއި ޤަލަމުން ބަޔާން ނުކުރެވޭ ފަދަ އެއްބައިވަންތަ ކަމެއް ކަމަށެވެ.
ހިތާމަވެރި ދަނޑިވަޅުގައި ދިވެހިން އިސްކޮށްފައި ވަނީ ޤައުމީ މަސްލަޙަތު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ ޤައުމަށް ދިމާވާ އެފަދަ ކޮންމެ ދަތި އުނދަގޫ ހިތާމަވެރި ދަނޑުވަޅެއްގައި ގައުމީ މަސްލަހަތު އިސް ކުރުމަށް އިސްތިމާސްކުރާ ކަމަށެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ ހަތަރު ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މައުމޫން ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުން ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ކުރި މަސައްކަތް ކާމިޔާބު ވެފައި ވަނީ ވެސް ގައުމީ އެއްބައިވަންތަ ކަން އިސްކުރުމުން ކަމަށެވެ. ކުރިއަށް އޮތްތަނުގައި ވެސް، އެފަދަ ބޮޑެތި ޤައުމީ ކަންކަމުގައި ގުޅިފައިވާ ޕާޓީތަކުން އެއްބައިވަންތަ ކަމާއެކު ޤައުމީ ރޫހުގައި ކުރިމަތި ލުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.