ދައުލަތަށް ގެއްލިގެން ދިޔަ ފައިސާ އާއި މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލް ފާސްކުރުމަށް، ޖެނުއަރީ 20 ގައި ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕް ލީޑަރ އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ދެ ކޮމިޝަންގެ ބިލް ފާސްކުރުމަށް އެޖެންޑާކޮށްފައި އޮތީ މަޖިލީހުގެ މިއަހަރުގެ އެންމެ ފަހު ޖަލްސާއަށެވެ. ޑިސެމްބަރު 15 ގައި ބޭއްވި އެ ޖަލްސާގައި އެ ބިލް ފާސްކުރަން ވޯޓަށް ނޭނހީ، ވޯޓަށް އެހުމުގެ ކޯރަމް ހަމަވާ މިންވަރަށް މެމްބަރުން މާލަމުގައި ހާޒިރުވެ ނެތުމުންނެވެ.
ރައްޔިތުންގެ އަމަލުކުރުން ލާޒިމު ގާނޫނެއް ފާސްކުރާއިރު މަޖިލީހުގެ އަޣުލަބިއްޔަތު މެމްބަރުންކަމުގައިވާ 43 މެމްބަރުން ހާޒިރުވެ ތިބެންޖެހެ އެވެ. އެހެންވެ، ޖެނުއަރީ 20 ގައި ބާއްވާ ޖަލްސާއަށް މެމްބަރުން ހަމަކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވަނީ ދެ ކޮމިޝަންގެ ބިލް ފާސްކުނުކޮށް ދައުރު ނިންމާލުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވުމާއި، ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުން މި މަހުގެ 20 ގައި ހޮޓެލް ޖެންގައި ބޭއްވި ބައްދަލުވުމުގައި ކޮމިޝަންގެ ބިލް ފާސްކުރަން ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެއްބަސްވެވަޑައިގެންފައިވާތީ އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ދައުރުން ބޭރުން ޖަލްސާއެއް ބާއްވާނަމަ މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް، ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެއެވެ. މި ގޮތަށް ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވޭނެ ގޮތް މަޖިލީހުން ހަމަޖައްސައިދޭން ޖެހެއެވެ. ތިން ބައިކުޅަ އެއްބަޔަކީ މަޖިލީހުގައި ހިމެނޭ 85 މެމްބަރުންގެ ތެރެއިން 29 މެމްބަރުންނެވެ.