އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުން ބްރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށް އެމްޑީޕީގެ އޮފީހުން ބުނެފި އެވެ.
އެމްޑީޕީ އިން ބުނީ، މިދިޔަ ހޮނިހިރު ދުވަހު އާންމު ކުރި މަޖިލިސް އިންތިހާބުގެ ޕްރައިމަރީގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުން މާދަމާ ހަވީރު 4:00 އަށް ހަމަވާނެ ކަމަށެވެ
އެޕާޓީން މަޖިލިސް ޕްރައިމަރީގައި ވާދަކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި 280 ފަރާތުން ފޯމް ހުށައަޅާފައި ވެއެވެ. 87 ދާއިރާ އަކަށް ވާދަކުރެއްވުމަށް އެޕާޓީގެ ގައުމީ މަޖިލީހުން ނިންމަވާފައިވީ ނަމަވެސް މިހާރު ވާދަކުރައްވަނީ 86 ދާއިރާއަށް ކަމަށް އެޕާޓީން ބުނެއެވެ.
ޕްރައިމަރީގައި ވާދަނުކުރަނީ ނިލަންދޫ ދާއިރާއަށް އެކަނި ކަމަށާއި އެންމެ ގިނައިން ކެޑިޑޭޓުން ކުރިމަތި ލާފައިވަނީ ވިލިމާލެ ދާއިރާއަށް ކަމަށް އެޕާޓީން މައުލޫމާތު ދެއެވެ. ވިލިމާލޭ ދާއިރާއަށް 9 ކެނޑިޑޭޓުން ވާދަކުރެ އެވެ.
އެ ޕާޓީއިން ޕްރައިމަރީ ޖެނުއަރީ 18 ގައި ބާއްވާއިރު، މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް ހަ ވަނަ ދުވަހު އެވެ.