އާ އަހަރުގެ ފެށުމުގެ އުފާ ފާޅުކުރުމުގެ ގޮތުން މާލެ އާއި ބައެއް ރަށްރަށުގައި ބަނގުރާ ބުއިމުގެ އަމަލުތައް ކުރިން ފަހަރުތަކުގައި ހިންގާފައިވާތީ، މިފަހަރު އެފަދަ ކަންކަން ހުއްޓުވުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުން ބުރާސްފަތި ދުވަހު ފަށާ މި އޮޕަރޭޝަންގައި ކުއްތާ ވެސް ބޭނުންކުރާނެ ކަމަށް ފުލުހުން ބުނެ އެވެ.
"ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މަސައްކަތްތަކަކީ އައު އަހަރާއި ދިމާކޮށް މާލެއާއި މާލެކައިރި ސަރަޙައްދުތަކުގައި، މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރުން ހުއްޓުވުމަށާއި އަމާން ރައްކާތެރި މާޙައުލެއް ޤާއިމްކުރުމުގެ ގޮތުން ފަށާ އޮޕަރޭޝަނެކެވެ," ފުލުހުން ބުނެ އެވެ.
އެ އޮޕަރޭޝަންގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އިތުރުން ފުލުހުންގެ އޮޕަރޭޝަނަލް ހުރިހާ ޑިޕާޓްމަންޓަކުންނާއި މޯލްޑިވްސް ކަސްޓަމްސް ބައިވެރިވާނެއެވެ.
"މި އޮޕަރޭޝަނުގައި ފާރަގެމަ ބޭނުންކޮށްގެން މާލެ، ހުޅުމާލެ، ވިލިމާލެ އަދި މާލެއާއި ކައިރި ރަށްރަށުގައި މަސައްކަތްތަކެއް ކުރުމަށްވަނީ ހަމަޖެހިފައެވެ."ފުލުހުން ބުނެ އެވެ.