ފާއިތުވި ދެ ހަފުތާގެ ތެރޭގައި ފިނޭންސް މިނިސްޓްރީން 475.5 މިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފިއެވެ.
ހަފުތާއަކު އެއް ފަހަރު ފިނޭންސް މިނިސްޓްރީން ނެރޭ މާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ ހަފުތާގައި 231.4 މިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައި ވެއެވެ. އޭގެ ކުރީ ހަފުތާގައި ވިއްކާފައި ވަނީ 244.1 މިލިއަން ރުފިޔާގެ ޓީބިލެވެ. އެއީ ޖުމުލަ 475.1 މިލިއަން ރުފިޔާގެ ޓީބިލެވެ.
އަހަރުގެ މިހާތަނަށް ސަރުކާރުން 936.4 މިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވާ އިރު، ސަރުކާރުން ވިއްކާފައިވާ ޓީބިލްގެ ޖުމްލަ އަދަދު ވަނީ 14.5 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ސަރުކާރުން އެއްމެ ފަހުން އާއްމު ކުރި މާލީ ރިޕޯޓުގައިވާ ގޮތުން ސަރުކާރުން ވިއްކާފައިވާ ފައިނޭންޝަލް ސެކިއުރިޓީތަކުގެ (އަނބުރާ ދައްކަން ޖެހޭ ގޮތަށް ވިއްކާފައިވާ ޓީބިލްތަކާއި ބޮންޑުތަކުގެ) ޖުމްލަ އަދަދު 29.4 ބިލިއަން ރުފިޔާއަށް އަރައެވެ.
ޓީބިލަކީ ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމަށް އިންޓަރެސްޓާ އެކު އަނބުރާ ދައްކާ ގޮތަށް ސަރުކާރުން ވިއްކާ ފައިނޭންޝަލް ސެކިއުރިޓީއެކެވެ. ދިވެހި ސަރުކާރުން ޓީބިލް ރުފިޔާއާއި ޑޮލަރުން ވެސް ވިއްކާ އިރު، މި ޓީބިލްތައް ވިއްކަނީ 4 ހަފުތާއާއި 13 ހަފުތާއާއި 26 ހަފުތާއާއި އަހަރު ދުވަސް ފަހުން އަނބުރާ ފައިސާ ދައްކަން ޖެހޭ ގޮތަށެވެ.