ސުނާމީގެ ނާމާންކަމާއި ބިރުވެރި ކަމާއި އެކުވެސް ދިވެހިން ދެއްކި އެއްބައިވަންތަ ކަމަށް އަބަދުވެސް ފަޚުރުވެރިވާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އިންޑޮނޭޝިއާގެ ސުމަޓްރާ ކައިރިއަށް އައި ބާރުގަދަ ބިންހެލުމަކާއެކު، ޑިސެމްބަރު 26، 2004 ގައި ސުނާމީ އަރައި ރާއްޖެއިން ވެސް ގިނަ ބަޔަކު މަރުވެ، ގިނަ ރަށްތަކެއް ސުންނާފަތިވި އެވެ. ސުނާމީ އެރި ދުވަހުގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާ ގުޅިގެން، އެ ދުވަސް މިހާރު ފާހަގަ ކުރަނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގަ އެވެ.
ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ރައިސް ސޯލިހު ބުދަ ދުވަހު ކުރެއްވި ޓްއީޓެއްގައި ވިދާޅުވީ 2004 ވަނަ އަހަރު ރާއްޖެއަށް އެރި ސުނާމީގެ ނާމާންކަމާއި ބިރުވެރި ކަމާއި އެކުވެސް ދިވެހިން ދެއްކި އެއްބައިވަންތަ ކަމަށް އަބަދުވެސް ފަޚުރުވެރިވާނެ ކަމަށެވެ. އަދި އެދުވަހު ދުނިޔެ ދޫކޮށް ދިޔަ އެންމެންނަށް ހެޔޮރަހުމަތް ލައްވާ ދިވެހިން އަބަދުމެ އެއްބައެއްގެ ގޮތުގައި ލެއްވުމަށް އެދި ﷲ ސުބުހާނަހޫ ވަތައާލާއަށް ދުއާ ދަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
2004 ge tsunami ge naamaankamaai biruverikamaa ekuves dhivehin dhekki ehbaivanthakamah dhivehin abadhah fakhruveri vaane eve. Adhi e dhuvahu alhugandu men dhookoh dhiya emmenah heyo rahmaiy lavvai dhivehin abadhume eh bayeh gothugai levvumah edhi Allah (SWT) ah dhua dhannavan.
— Ibrahim Mohamed Solih (@ibusolih) December 26, 2018
އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ މިއަދު ދުވާފަރުގައި ބާއްވާއިރު، މިއަދު ހެނދުނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ ރަށަށް ވަޑައިގެންފަ އެވެ.
2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި، ސުނާމީގެ ހިތާމަވެރި ކާރިސާއާ ގުޅިގެން ރާއްޖޭގައި މީހުން ދިރިއުޅުނު 190 ރަށަށް އެ ކާރިސާގެ އަސަރު ކޮށްފައިވާ އިރު އޭގެ ތެރެއިން ފަސް ރަށް މުޅިން ހަލާކުވެގެން ދިޔަ އެވެ. އަދި 82 މީހުން މަރުވެ 26 މީހަކު ގެއްލިފައިވާއިރު 15000 މީހުންގެ ގެދޮރު ގެއްލި، ޖުމްލަ 13 ރަށަކުން މީހުން ހުސްކޮށް، އެހެން ރަށްރަށަށް ބަދަލުކޮށްފައި ވެއެވެ. އާބާދީގެ ތިންބައިކުޅައެއްބައި މީހުންނަށް ސީދާ ގޮތެއްގައި އަސަރުކޮށް ގައުމީ އުފެއްދުންތެރިކަމަށް ނިސްބަތުން 62 އިންސައްތަ ގެއްލުން ލިބިފައިވެ އެވެ.