ވިޔަފާރީގެ ބޭނުންތަކަށް ބޮޑުމަހުގެ މަސްވެރިކަން ކުރަން މަގުފަހި ކުރުމުގެ ގޮތުން ޖަޕާނުން އިންޓަނޭޝަނަލް ވޭލިން ކޮމިޝަން (އައި.ޑަބްލިޔު.ސީ) އިން ވަކިވާން ނިންމައިފިއެވެ.
ޖަޕާނުން އައިޑަބްލިޔުސީއިން ވަކިވާން ނިންމީ، އެ ގައުމު އިސްވެ އޮވެ ބޮޑުމަހުގެ ވިޔަފާރި ކުރުން މަނާކޮށްފައިވާ, 32 އަހަރު ވީ ގަވައިދު އުވާލަން އައިޑަބްލިޔުސީއަށް ހުށައެޅި ހުށައެޅުމަށް ނޫނެކޭ ބުނިތާ ތިން މަހަށް ވުރެން ގިނަ ދުވަސް ވެފައި ވަނިކޮށެވެ.
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖަޕާން ސަރުކާރުގެ ތަރުޖަމާނު ޔޮޝިހީޑޭ ސޫގާ ވިދާޅުވީ ކޮމިޝަނުން ވަކިވާން ނިންމީ އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން ބޮޑުމަސް ބާނަން ފަށާނެ ކަމަށެވެ. ސޫގާ އިތުރަށް ވިދާޅުވީ ޖަޕާނުން ވިޔަފާރީގެ ބޭނުމަށް ބޮޑުމަސް ބާނާނީ ހަމައެކަނި އެ ގައުމުގެ ކަނޑުގެ ސަރަހައްދުތަކުގައި އެކަނި ކަމަށެވެ.
2014 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ވަނީ އެންޓާޓިކް ކަނޑުގައި ޖަޕާނުގެ މަސް ބޯޓުތަކުން ސައިންސް ދިރާސާތައް ކުރުމުގެ ބޭނުމުގައި ކަމަށް ބުނެ ކުރަމުން ދިޔަ ބޮޑުމަހުގެ މަސްވެރިކަން ހުއްޓުވާފައެވެ. އެ ކޯޓުން ބުނެފައިވަނީ ޖަޕާނަށް ސައިންޓިފިކް ދިރާސާއަށް ދޫކޮށްފައިހުރި ހުއްދަތައް ބޭނުން ކުރަމުން ދިޔައީ އެ ބޭނުމުގައި ނޫން ކަމަށެވެ.
ކޯޓުގެ މި ނިންމުމާއި ގުޅިގެން ޖަޕާނުން އެއް އަހަރު ދުވަހަށް މި މަސައްކަތް ހުއްޓާލުމަށް ފަހު ވަނީ، 2015 ވަނަ އަހަރު އަނެއްކާ ބޮޑު މަސް ބާނަން ފަށާފައެވެ. ޖަޕާނުން ބުނެފައިވަނީ އެ މީހުން މަސް ބޭނީ ލިބިފައިވާ ކޯޓާގައިވާ 333 ބޮޑު މަހުގެ އަދަދަށް ކަމަށެވެ.
ޖަޕާނުން ސައިންޓިފިކް ބޭނުންތަކުގެ ނަމުގައި ބޮޑު މަސް ބާނަން ފަށާފައިވަނީ 1987 ވަނަ އަހަރުއެވެ. އަދި އެ ގައުމުގެ ސަރުކާރުން ތަކުރާރުކޮށް ބުނެފައިވަނީ ގިނަ ބޮޑު މަހުގެ ބާވަތްތަކަކީ ނެތިދާނެ ކަމުގެ ބިރު ހީވެފައިވާ ބާވަތްތަކެއް ނޫން ކަމަށެވެ. ވަރލްޑް ވައިލްޑްލައިފް ފަންޑުން ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގައި ދިރިއުޅޭ އެއްމެ ބޮޑެތި ބޮޑުމަހުގެ 13 ބާވަތުގެ ތެރެއިން 6 ބާވާތަކީ ނެތިދާނެ ކަމުގެ ބިރު ހީވެފައިވާ ބާވަތްތަކެވެ.
ޖަޕާނުން އަބަދުވެސް ބުނަމުން އައިސްފައި ވަނީ ބޮޑުމަސް ބޭނުން ނުހުއްޓާލާނެ ކަމަށެވެ. ސަބަބަކަށް އެ މީހުން ބުނެފައިވަނީ މި މަސް ކެއުމަކީ އެ މީހުންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ ކަމަށެވެ. ނަމަވެސް ޖަޕާނުގެ މީޑީއާތަކުގައި ވަނީ މިހާރު ގިނަ ޖަޕާނު މީހުން މި މަސް ނުކައި ކަން ހާމަކުރައްވާފައެވެ.