ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައީސް މައުމޫނުގެ ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ޓިކެޓްގައި ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާ ފަރާތްތަކާ އިންޓަވިއު ކުރަމުންދާ ކަމަށް އެމްއާރުއެމްގެ ނައިބް ރައީސާ އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ނާދިރާ ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ދާއިރާތަކަށް ވާދަކުރައްވަން ޝައުގުވެރިވެގެން, ގިނަ ބަޔަކު އެދެމުންދާ ކަމަށެވެ.
އެމްއާރުއެމްގެ ޓިކެޓްގައި މަޖިލީހުގެ 17 ދާއިރާއަކަށް ވާދަކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާ އިންޓަވިއު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އަންގާރަ ދުވަހުގެ ނިޔަލަށް 32 މީހަކާ އިންޓަވިއު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކިއެކި ދާއިރާތަކަށް ނުކުތުމަށް ގިނަ ބަޔަކު ދަނީ ޝައުގުވެރިކަންފާޅު ކުރަމުން. އެބަހުރި އެއް ދާއިރާއަކަށް ތިން ބޭފުޅުން ވެސް ނުކުތުމަށް ޝައުގުވެރިކަންފާޅުކޮށްފަ. އެކަމަކު ގިނައީ ވަކިވަކި ދާއިރާތަކަށް ޝައުގުވެރިކަންފާޅު ކުރައްވާފައިވާ ބޭފުޅުން އަދި މިހެން ބުނާއިރުގަ އެބަތިބި އެދާއިރާ ނެގޭނެ ބޭފުޅުން ވެސް. އެކަމަކު ކޯލިޝަންގެ ހުރިހާ އެންމެން ނުކުންނަން ވެއްޖެއްޔާ އެގޮނޑި ގެއްލިދާނެ ކަމުގެ ބިރު ވެސް އެބަ އޮތް،" ނާދިރާ ވިދާޅުވިއެވެ.
ނާދިރާ ވިދާޅުވީ އެމްއާރުއެމްގެ ފަރާތުން ފާޅުގައި މަޖިލިސް ކެންޕޭން ނުފަށަނީ ކޯލިޝަންގެ އެއްބަސްވުމެއް އޮތީމުން ކަމަށާއި، އެކަމަށް ހައްލެއް ލިބެންދެން ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުން ނުނިމޭ ކަމަށާއި، ރައްޔިތުންނަށް ވީ ވައުދުތައް ދަމަހައްޓަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރައްޔިތުންގެ އިތުބާރު ނަގާލައިފިނަމަ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ނާދިރާ ވިދާޅުވިއެވެ.
"އެކަންކަން ހާސިލް ކުރެވޭނީ އަދިވެސް ގަބޫލުކުރަނީ ހަމަ ހަތަރު ޕާޓީން މިމަސައްކަތް ކުރި ގޮތަށް އެއްކޮށް ތިބެގެން ކަމަށް. އޭރު އެއްބަސްވީއެއް ލިޔުމަކުން ނޫން. އެކަމަކު މިހާރު ވިދާޅުވަމުން އެގެންދަނީ އެބަސްވުމަކަށް ނުބަލަމޭ. އަޅުގަނޑުމެން ގަބޫލުކުރަނީ ކަނޑައެޅިގެން އެއީ ވެފައި އޮތް އެއްބަސްވުމެއް ކަމަށް. އެއާ އެއްކޮށް މަސައްކަތް ކުރެވޭތޯ އަޅުގަނޑުމެން އެބަ ބަލަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިގަބޫލުކުރަނީ ރަނގަޅު ހައްލުތަކެއް ލިބޭނެ ކަމަށް. ހައްލުތަކެއް ލިބި އެކަންކަން އެމަގުން ހިނގާނެ ކަމަށް،" ނާދިރާ ވިދާޅުވިއެވެ.
އެމްޑީޕީން ގިނަ ދާއިރާތަކަކަށް ކުރިމަތިލަން ނިންމާފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ނާދިރާ ވިދާޅުވީ އެމްޑީޕީ، އެމްއާރުއެމް ނުވަތަ ކޯލިޝަންގެ އެހެން ޕާޓީއަކަށް ޔަގީން ކަމާއެކު ނެގޭނެ ގޮނޑިއެއްކަން އެނގިތިބެ އެހެން ޕާޓީތަކުން ކުރިމަތިލުމަކީ ރައްޔިތުންނަށް ދެވޭ ދެރައެއް ކަމަށާއި، ކޯލިޝަނަށް ގޮނޑި ގެއްލުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ނާދިރާ ވިދާޅުވީ ރައީސް ސޯލިހު ސަރުކާރުގެ ގިނަ ވައުދުތަކާއި، ތަރައްގީގެ މަޝްރޫއުތައް ހިންގެން އޮތީ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީއާއެކު، މަޖިލިސްގެ އެއްބާރުލުމާއެކު ކަމަށެވެ. އެހެންކަމުން ހަތަރު ލީޑަރުންގެ އެއްބަސްވުމުގެ ތެރެއިން މަސައްކަތް ކުރަންޖެހޭ ކަމަށް ނާދިރާ ވިދާޅުވިއެވެ.