މިނިސްޓްރީ އޮފް ޓްއަރިޒަމްއިން ބޭއްވުމަށް ހަމަޖެހިފައިވާ ގެސްޓްހައުސް ސިމްޕޯޒިއަމްއިން އެ ވިޔަފާރި ކުރާ ފަރާތްތަކަށް ފައިދާ ކުރަނިވި ނިންމުންތަކެއް ނިމިގެންދާނެ ކަމަށް އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އަހުމަދު އަބީރު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން އަބީރު ވިދާޅުވީ ގެސްޓްހައުސް ވިޔަފާރިއަކީ މިސަރުކާރުގެ ފަތުރުވެރިކަމުގެ ސިނާއަތައް ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ތެރޭގައި ހިމެނޭ މައިގަނޑު އެއް ސިޔާސަތު ކަމަށާއި ގެސްޓްހައުސް ސިމްޕޯޒިއަމުގެ ސަބަބުން ރައްޔިތުންނަށް ފައިދާ ހުރި އެތައް ކަމެން ނިމިގެންދާއިރު މިދާއިރާއަށް ހުރި ދަތިތަކަށްވެސް ހައްލުތަކެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ.
މީގެ އިތުރުންވެސް އަބީރު ވިދާޅުވީ މި ސިމްޕޯޒިއަމްގައި ރަށު ކައުންސިލް ތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލާއި އަދި ޕްރައިވެޓް ސެކްޓާސްގެ ސްޓޭކް ހޯލްޑާސް ބައިވެރިވާނެކަމަށެވެ.
ގެސްޓްހައުސް ސިމްޕޯޒިއަމަކީ މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދު ތަކުގެ ތޭރެގައި ހިމެނޭ ގެސްޓްހައުސް ވިޔަފާރި ކުރައްވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހު ދަރުބާރުގޭގައެވެ. މއީ މިފަދަ މަހާސިންތާއެއް ޓްއަރިޒަމް މިނިސްޓްރީން އިސްނަންގަވައިގެން ބާއްވާ ފުރަތަމަ ފަހަރުކަންވެސް ފާހަގަ ކޮށްލެވެއެވެ.