ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި މަރުތައް ތަހުގީގުކުރާ ކޮމިޝަންގެ މެމްބަރު ކަމުގައި ހުންނެވުމަށް ފަހު އެ މަގާމުން ވެސް އަންގާރަ ދުވަހު އިސްތިއުފާ ދެއްވި ހެންވޭރު މާފިޔަ، ޢަބްދުﷲ މުނާޒް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް ޢައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި އެ މަގާމަށް އޭނާ އައްޔަން ކުރެއްވީ މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ.
މުނާޒަކީ، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި 24 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި، ޢަބްދުﷲ މުނާޒަކީ ޝަރަފުވެރިކަމާ އެކު 2011 ވަނަ އަހަރު ސިފައިންގެ ޚިދުމަތުން ރިޓަޔަރކުރައްވާފައިވާ ބޭފުޅެކެވެ.
މީގެ އިތުން، 2011 ވަނަ އަހަރު ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސް އުފެއްދެވުމާ ގުޅިގެން ޢަބްދުﷲ މުނާޒް ވަނީ ސްޕްރިންޓެންޑެންޓްގެ މަޤާމަށް ޢައްޔަންކުރައްވައި ޖަލުގެ އެންމެ އިސްވެރިޔާގެ މަޤާމު އަދާކުރައްވާފައެވެ. ޢަބްދުﷲ މުނާޒަކީ ލީޑަރޝިޕް އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ފެންވަރަށް ތަޢުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.