ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ޗީޕް ކޮމިއުނިކޭޝަން އޮފިސަރު ކަން ކުރެއްވި އަލީ ހާލިދު އައްޔަން ކުރައްވައިފިއެވެ.
އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ރައީސްގެ ލަފާފުޅުގެ މަތިން، ދައުލަތުގެ ކުންފުނިތަކުގެ ބޭފުޅުން އައްޔަން ކުރާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރައިވަޓައިޒޭޝަން ބޯޑުންނެވެ.
ދައުލަތުގެ މީޑިއާ ހިންގާ ކުންފުނި، ޕީއެސްއެމްގެ ބޯޑަށް ކުރިން މެމްބަރުން އައްޔަން ކުރަނީ ރައްޔިތުންގެ މަޖިލީހުންނެވެ. ނަމަވެސް ޔާމީންގެ ސަރުކާރުގައި ވަނީ ޕީއެސްއެމްގެ ގާނޫނަށް ބަދަލު ގެނެސް، މަޖިލީހުގެ ރުހުމަކާ ނުލައި އެ ބޯޑަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ޕްރައިވަޓައިޒޭޝަން ބޯޑަށް ދީފައެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވި އަލީ ހާލިދަކީ ޔާމީންގެ ސަރުކާރުގައި ވޭސް މެނޭޖުމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ ޗެއާމަންކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި 2006 އިން ފެށިގެން 2008 އަށް ޓީވީއެމްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމު ވެސް ފުރުއްވާފައެވެ.