ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރު (އެންޑީއެމްސީ)އަކީ ކާރިސާތަކުގައި ލިބޭ ގެއްލުމުގެ ބަދަލު ދޭތަނެއްނޫން ކަމަށާއި އޭގެ ބަދަލުގައި އެ މުއައްސަސާއިން ފޯރުކޮށްދޭނީ ލިބިފައިވާ ގެއްލުމުން އަރައިގަތުމަށްޓަކައި ރަމްޒީ އެހީއެއްކަމަށް އެ ސެންޓަރުގެ ސީނިއަރ ޕްރޮގްރާމް އޮފިސަރ ފަރޫޝާ އަލީ ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ޚަބަރުފީތާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފަރޫޝާ ވިދާޅުވީ އެ ސެންޓަރުން ފޯރުކޮށްދޭ އެހީއަކީ ކާރިސާއެއްގައި ލިބޭ ގެއްލުމުން ރައްޔިތު މީހާ އަރައިގަތުމަށް ފޯރުކޮށްދެވޭ ރަމްޒީ އެހީއެއް ކަމަށާއި އެ އެހީތެރިކަން ދޭނެގޮތުގެ މިންގަޑެއް އެކުލަވާލާފައި ވާކަމަށެވެ. އަދި މި މިންގަނޑަކީ ރާއްޖޭގެ މާހައުލާއި، ދީނާއި އަދި ސަގާފަތާއި މި ހުރިހާ ކަމެއްގެ މައްޗަށް، ހުރި ހުރިހާ އިދާރާތަކާއި އެކު މަޝްވަރާ ކުރެވިގެން އެކުލަވާލާފައިވާ މިންގަނޑެއް ކަމަށްވެސް އޭނާ ވިދޅުވިއެވެ.
"ފުރަތަމަ މި މިންގަނޑުގެ ދަށުން ބޯހިޔާވަހިކަން ނެތްނަމަ އެކަން ކުރާކަމަށާއި ދެން ކައްކާ ކެޥޭގޮތް ނެއްނަމަ ދެވަނަ ކަމަކަށް އެންމެ އިސްކަންދެނީ ކައްކާ ކެވޭނެ ގޮތެއް ހޯދައި ދިނުން" ފަރޫޝާ ވިދޅުވިއެވެ.
މިމަހުގެ 5 ވަނަ ދުވަހު މާލެއަށް ކުރި ބޯވިއްސާރައިގައި މީހުންނަށާއި ތަކެއްޗައް ލިބުނު ގެއްލުމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އެންޑީއެންސީގެ ޕްރޮޖެކްޓް ޑައިރެކްޓަރ ހިސާން ހަސަން ވިދާޅުވީ ފެންބޮޑުވުމުގެ ހާދިސާގައި 1.3 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާކަމަށާއި އެ އަދަދަށް ގެތަކަށް ފައިސާ ބެހުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ.
"ދިމާވާ ކުދިކުދި އެމެޖެންސީސްތައް ކާރިސާގެ މިންގަނޑަކުން ގިންތި ނުކުރެވޭނެ. ކާރިސާއަކީ ކޮބައިކަން ގާނޫނުގައި ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައިވާނެ. އެއީ މުދަލާއި ފުރާނަޔާއި ދިރިއުޅުމަށް ކުރާ މަސައްކަތްތަކަށް ބުރޫއަރާ އަދި އެރަށެއްގައި ލިބެންހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން އެކާރިސާއަކަށް އިޖާބަ ނުދެވޭ ހާލަތްތަކަށް ކާރިސާ ކިޔަނީ" ހިސާން ވިދާޅުވިއެވެ.