ކަޅުވަކަރު މިސްކިތް ކުރީގެ ސަލްޓަން ޕާކު ސަރަޙައްދުގައި ބެހެއްޓެވުމަށް ނިންމައިފިއެވެ. އެގޮތަށް ނިންމާފައިވަނީ ވަޒީރުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ބައްދަލުވުމަގައެވެ.
ރައީސް އޮފީހުން ބުނީ، ކުރީގެ ސަލްޓަން ޕާކް އަދި މިހާރުގެ ރަސްރަނި ބަގީޗާގައި ކަޅުވަކަރު މިސްކިތް ބެހެއްޓުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ، ބައްދަލުވުމުގައި މިނިސްޓްރީ ހުށަހެޅި ކަރުދާހަކަށް މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ. އަދި ކަޅުވަކަރު މިސްކިތް ބަހައްޓާނެ ތަނެއް ކަނޑައެޅުއްވުމާ ގުޅެގޮތުން ކުރެއްވި މަސައްކަތްތަކުގެ ތަފްސީލު، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ފަންނީ ބޭފުޅުން ކެބިނެޓް މިނިސްޓަރުންނާ ޙިއްޞާ ކޮށްފައިވާކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ނިންމެވުން ނިންމެވުމުގައި ޖަލްސާގައި މެމްބަރުން ފާޅުކުރެއްވިި ހިޔާލުތަކަށް ރިއާޔަތްކުރެއްވި ކަމަށެވެ.
މީލާދީ ގޮތުން 1789 ވަނަ ހަދާފައިވާ ކަޅުވަކަރު މިސްކިތް އަލުން ބަހައްޓަވާނީ، އިހުގެ އާސާރީ މިސްކިތެއްގެ ހައިބަތު ފެންނާނެ ފަދައިން، މީހުންނަށް ނަމާދުކުރެވޭނެ އިންތިޒާމުތަކާއި އެކު ކަމަށް ރައިސް އޮފީހުން މައުލޫމާތުދެއެވެ.
ކަޅުވަކަރު މިސްކިތް ބަހައްޓާނެ ތަނަކާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް މި މަހު ބޭއްވި ފޯރާމުގައި, އާއްމުންގެ ގިނަ މީހުން ބުނެފައިވަނީ އެ މިސްކިތް މާލޭގައި ބެހެއްޓުމަށް ތާއީދުކުރާކަމަށެވެ. ކަޅުވަކަރު މިސްކިތް ކުރީގެ ސަރުކަރުން ރޫޅާލުމަށްފަހު ނިންމާފައިއޮތީ ގދ. ތިނަދޫގައި ބެހެއްޓުމަށެވެ.