މިމަހުގެ 19 ވަނަ ދުވަހު ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އަތުލައި ގަތް މަސް ބޯޓުން އެންމެ ގިނައިން ބާނާފައިވަނީ މިޔަރު ކަމަށް ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަގަށް ވަދެ މަސްވެރިކަން ކުރަނިކޮށް ހިފަހައްޓާފައިވާ މަސްބޯޓާއި ގުޅޭ މައުލޫމާތު ދެއްވުމަށް އަންގާރަ ދުވަހު ކޯސްޓްގާޑް ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ޒުހައިރު ވިދާޅުވީ މި އުޅަނދު ގިނަ އަދަދެއްގެ މިޔަރާއި އެހެނިހެން ބާވަތްތަކުގެ މަސް ބާނާފައި ހުރި ކަމަށާއި، ގާތްގަނޑަކަށް އެއް ޓަނުގެ މަސް އެ އުޅަނދުގައި ހުންނާނެ ކަމަށެވެ.
ގދ.ގައްދޫގެ އިރު ދެކުނުން 42 މޭލު ބޭރުން ފެނުނު "އޮޝާދީ 1" ނަމަކަށް ކިޔާ މަސް ބޯޓު ދޫނިދޫ އަށް ގެންގޮސް ފުލުހުންނާ ހަވާލުކޮށް، އެ ބޯޓްގެ ތަހްގީގު ފުލުހުން ކުރަމުން ގެންދާ ކަމަށް ޒުހައިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ބޯޓުގައި ތިބީ ލަންކާގެ ފަޅުވެރިންތަކެއް ކަމަށާއި، ނަމަވެސް ތަހުޤީޤް ކުރިއަށްދާތީ އެއީ ކޮން ޤައުމެއްގެ އުޅަންދެއްކަން ހިއްސާކުރެވެން ނެތް ކަމަށެވެ.
އެ ބޯޓް ފެނިގެން އެމްއެންޑީއެފް ސަދަން އޭރިއާއަށް ރިޕޯޓްކޮށްފައި ވަނީ ރާއްޖޭގެ މަސް ދޯންޏެއްކަމުގައިވާ "ވާދީ" އިންނެވެ.
އެ ބޯޓްގައި ތިބި ހަ މީހުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.