މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ ކޮމިޝަނުން އަބްދުﷲ މުނާޒް އިސްތިއުފާ ދެއްވައިފިއެވެ.
ރައީސް އޮފީހުގެ ވެބްސައިޓްގައި ބުނެފައިވަނީ މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން މުނާޒް އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލް ދީފައެއް ނުވެއެވެ.
މަރުތައް ތަހުގީގު ކުރާ ކޮމިޝަންގައި މުއާޒްގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ މަޝްހޫރު ގާނޫނީ ވަކީލް ޙުސްނުއްސުޢޫދު އާއި އާދަމް އިބްރާހީމް އާއި މަޝްހޫރު ގާނޫނީ ވަކީލު ފަރީޝާ އަބްދުﷲ އާއި މަޝްހޫރު ނޫސްވެރިޔާ މިސްބާހް އައްބާސް އަދި އާދަމް އިބްރާހިމްއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ކޮމިޝަން އުފެއްދެވީ، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން، އެކިއެކި ސަބަބުތައް މެދުވެރިވެގެން، އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ނު ކުރެވި ހުރި މައްސަލަތަކުގައި މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއް ކޮށް، ޙަޤީޤަތް ހޯދައި، ޢާންމުކުރުމަކީ އިންސާފު ޤާއިމުކުރުމަށްޓަކައި ދައުލަތުން އުފުލަން ޖެހޭ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކި ވަޑައިގަންނަވާތީ އެވެ.