ރާއްޖޭގައި އޮތް އިންޑިއާގެ ދެ ހެލިކޮޕްޓަރުގެ އޮޕަރޭޝަން އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އިންޑިއާގެ ހެލިކޮޕްޓަރު ބޭނުންކުރުން ހުއްޓާލީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހުކޮޅުގައި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުގެ ގުޅުން ގޯސްވެގެން ގޮސްފައި ވަނިކޮށެވެ. އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ފުރަތަމަ ހެލިކޮޕްޓަރު ހަދިޔާކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ދެ ވަނަ ހެލިކޮޕްޓަރުގެ އެއްބަސްވުން ހަދާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުއެވެ.
އަންގާރަ ދުވަހު ކޯސްޓްގާޑް ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވީ ހެލިކޮޕްޓަރުތައް އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ. ނަމަވެސް އޮޕަރޭޝަން ފެށޭނެ ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.
ރާއްޖޭގައި އިންޑީއާގެ ދެ ހެލިކޮޕްޓަރު އޮންނައިރު، އެތަކެތި ބެލެހެއްޓުމަށް އިންޑިއާ ސިފައިން ތިބޭ މައްސަލައިގައި ބައެއް މީހުން ކަންބޮޑުވުން ފާޅުކުރާއިރު، ޒުހައިރު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ ސްޕައި ކުރަން ކަމަށް މީހުން ވާހަކަ ދައްކަނީ ކަންބޮޑުވުމާއި ބިރުވެރިކަން އުފެއްދުމަށް ކަމަށެވެ.
ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާ މައުލޫމާތު އިންޑިއާއަށް އެއްކުރަން ފުރުސަތު ލިބޭނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޒުހައިރު ވިދާޅުވީ "އަޅުގަނޑުމެން [ސިފައިން] މިތިބީ އަތް އުރާލައިގެން ތިބޭކަށް ނޫން" ކަމަށެވެ.
"އެމީހުން [ހެލިކޮޕަޓަރު ބަލަހައްޓާ އިންޑިއާ ސިފައިން] އެ ތިބެނީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި، އަޅުގަނޑުމެންނަށް ހުރިހާ އޮޕަރޭޝަނަލް ކޮންޓްރޯލްތަކެއް އޮންނަނީ،"އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާ ފަދަ ކަންތައްތަކެއް ހިނގާނަމަ އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ވެސް އޭނާ ވިދާޅުވި އެވެ.
ހެލިކޮޕްޓަރުތައް ދުއްވުމަށާއި ޓެކްނިކަލް މަސައްކަތްތަކަށް ވެސް ސިފައިން ތަމްރީނުކުރަމުންދާ ކަމަށް ޒުހައިރު ވިދާޅުވި އެވެ. އަދި އެއީ ހަރަދު ބޮޑު އޮޕަރޭޝަނެއް ކަމަށާއި ހެލިކޮޕްޓަރަށް ބޭނުންވާ ތެލާއި، މަރާމާތުގެ މަސައްކަތްތަކަށް ހަރަދުކުރަނީ އިންޑިއާ ސަރުކާރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑުކަމުން މި ސަރަހައްދުގައި ހަތިޔާރާއި މަސްތުވާތަކެތި ވިޔަފާރި ހަރަކާތްތައް ހިންގާ ކަމަށާއި އެހެންވެ، ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އެކުވެރި ގައުމުތަކުގެ އެހޭތެރިކަން ހޯދަން ޖެހޭ ކަމަށް ޒުހައިރު ވިދާޅުވިއެވެ. ރާއްޖޭގެ އިގުދިސޯދީ ފުއްދުއްތެރިކަން ނެތި ރާއްޖޭގެ ހުރިހާ ސަރަހައްދެއް ބެލހެއްޓުމަކީ ފަސޭހަ ކަމެއް ނޫން، އަދި މިޒަމާނުގައި އެއްގައުމުން އަނެއްގައުމުގެ ސިފައިންގެ އެހީތެރިކަން ހޯދާ ކަމަށާއި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ވެސް އެހީތެރިކަން ހޯދާ ކަމަށް އޭނާ ވިދާޅުވި އެވެ.