ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރާ ހަރަދުތައް ކުޑަ ކުރެވޭނީ ބަލިތަކުން ރައްކާތެރިވުމަށް މިހާރަށް ވުރެން ރަނގަޅަށް މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ސިއްހަތަށް ރަނގަޅު ނޫން ބާވަތްތަކަށް އާއްމުން ހޭލުންތެރިކުރުވުމަށް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތައް އިފްތިތާހު ކުރަން އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ ހުރިހާ ސަރުކާރެއްގެ ވެސް އެއްމެ ބޮޑު އަހައްމިއްޔަތު ކަމެއް ދިން އެއް ދާއިރާއަކަށް ވާނީ ސިއްހީ ދާއިރާ ކުރިއެރުވުން ކަމަށެވެ. އެގޮތުގެ މަތިން މި ސަރުކާރުން ވެސް ވާނީ އާއްމުން ހޭލުންތެރި ކުރަމުގެ މަސައްކަތަށް ކުރީގެ ސަރުކާރަކުން ދުވަހަކުވެސް ނުކުރާހާ ބޮޑު ހޭދައެއް ކުރުމަށް ނިންމާފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ހޭލުންތެރިކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ނަތީޖާ ނެރެވޭނީ ސިއްހީ ދާއިރާގެ މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ރައްޔިތުންގެ ވެސް ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށް ފައިސަލް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކިތަންމެ ވަރަކަށް މި ވާހަކަތައް ދެއްކި ކަމުގައި ވީ ނަމަވެސް، އަޅުގަނޑުމެން މިގޮތަށް ކިތަންމެ ޖަލްސާތަކެއް ބޭއްވި ކަމުގައި ވީ ނަމަވެސް، އަޅުގަނޑުމެން މުޅި ގައުމުގެ ހުރިހާ ދާއިރާތަކުން، ސްކޫލްތަކުން ފެށިގެން ގޭބިސީތަކުން، ސަރުކާރުގެ އޮފީސްތަކާއި ކްލަބް ޖަމިއްޔާތަކާއި ކުޅިވަރު ކުޅޭ މީހުންގެ ތެރޭގައި މިކަންތައްތަކަށް ސަމާލުކަމެއް ނުދެވިއްޖެ ކަމަށް ވަންޏާ، ފަސް އަހަރު ފަހުން ވެސް އަޅުގަނޑުމެން ދައްކަން ޖެހޭނީ ހަމަ މި ވާހަކަ" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް އިތުރަށް ވިދާޅުވީ ކަމަކާއި ބައްދަލު ނުވަނީސް އެކަމަކަށް ތައްޔާރުވެ އެކަމުން ރައްކާތެރިވުން އެއީ ދިވެހިންގެ ތެރޭގައި ދުރު ކަމެއް ކަމަށާއި، މިއީ މިއަދުގެ މުޖުތަމައުގައި ފުންކޮށް ވިސްނަން ޖެހޭ ކަމެއް ކަމުގައެވެ. ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައަކަށް ކުރާ މަސައްކަތް ކާމިޔާބު ކުރެވޭނީ ދިވެހި ހުރިހާ ފަރުދުން ވެސް އެއް ބަސް ކިޔައިގެން އެއްބާރުލުން ދީގެން ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވަނީ ސިއްހަތަށް ރަނގަޅުނޫން ކާނާ (ދުންފަތް، ސުޕާރީ، އެނާޖީ ޑްރިންކް އަދި ހަކުރު ގިނައިން އެކުލެވޭ ކާނާ) އިޝްތިހާރު ކުރުން ހުއްޓާލަން ގޮވާލައްވާފައެވެ. އަދި މި ހަރަކާތަށް އެއްބާރުލުން ދިނުމުގެ ގޮތުން ނައިބު ރައީސް ވަނީ އެނާޖީ ޑްރިންކް އެ މަނިކުފާނު ބޭނުންކުރެއްވުން ހުއްޓަވާ ލައްވާނެ ކަމަށް އިއުލާން ކުރައްވާފައެވެ.
އަންގާރަ ދުވަހު އިފްތިތާހު ކުރި މި ހަރަކާތަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ސިއްހަތަށް ރަނގަޅު ނޫން ބާވަތްތަކާއި (ދުންފަތް، ސުޕާރީ، އެނާޖީ ބުއިންތައް، ހަކުރު ގިނަ ބުއިންތައް) ދުރުވުމަށް އާންމުން ހޭލުންތެރިކުރުމަށް ކުރާ ހޭދަ އިތުރުކުރަން ވެފައިވާ ވައުދު ފުއްދުމުގެ ގޮތުން ފެށި ހަރަކާތެކެވެ.