ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ގެސްޓް ހައުސް މަހާސިންތާ މި މަހު 29 ވާ ހޮނިހިރު ދުވަހުގައި ބާއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
މި މަހާސިންތާގައި ބައިވެރިވުމަށް ދިވެހިރާއްޖޭގައި ރަޖިސްޓަރ ކޮށްފައިވާ ހުރިހާ ގެސްޓް ހައުސް އަކަށް ވަނީ ދައުވަތު ދީފައިވެއެވެ. މަހާސިންތާ ބޭއްވުމުގެ މަގްސަދަކީ އެ ދާއިރާއަށް ދިމާވާ ދަތިތަކަށް އޮޅުން ފިލުވައި ހައްލު ހޯދައި ދިނުމަށް ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.
އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އަހްމަދު އަބީރް އިސްމާއިލް ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަހާސިންތާގައި ބައިވެރިވާ ގެސްޓްހައުސްގެ އަދަދު ދަންނަވަން ނޭނގޭކަމަށާއި ވަރަށް ގެސްޓްހައުސް ހިންގާފަރާތްތަކުގެ އެއްބާރުލުން ލިބިފައިވާ ކަމަށެވެ.
މި މަހާސިންތާ ވެގެންދާނީ ގެސްޓް ހައުސް ވިޔަފާރިކުރާ ފަރާތްތަކާއެކު ބޭއްވޭ އެންމެ ބޮޑު ބައްދަލުވުމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.
މަހާސިންތާގެ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވާނައެވެ.