މާލެ-ހުޅުލެ-ހުޅުމާލެއާ ދެމެދު ކުރާ ބަސް ދަތުރުތަކުން ބޮލަކަށް 10 ރުފިޔާ ނަގާނެކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އިއުލާން ކޮށްފިއެވެ.
މިހާ ތަނަށް ހިލޭ ދެމުން އައި ހިދުމަތުގެ އަގު ނަގަން ފަށަން ނިންމާފައި ވަނީ އަންނަ ޖެނުއަރީ މަހުގެ އެކަކުން ފެށިގެންނެވެ.
ބަހުގެ ޚިދުމަތުން އަގު ނަގާނީ އެމްޕީއެލްއިން އެ ކަމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ "ޓަޗްލިންކް" ކާޑުންނެވެ. 20 ރުފިޔާއަށް ގަނެވޭ މި ކާޑަކީ ބޭނުން އަދަދަކަށް ރީލޯޑް ކުރެވޭނެ އެވެ. އެމްޕީއެލްގެ ހުރިހާ ބަސް ގިމަތައަކުން ޑިސެމްބަރު 25 ވަނަ ދުވަހުން ފެށިގެން މި ކާޑު ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ކުއްލި ހާލާތްތަކަށާއި ކާޑު ނުހުންނަ ފަރާތްތަކުގެ ބޭނުމަށް ތިން ޓާމިނަލްގައި ވެސް ކޭޝް ޓިކެޓިންގް މެޝިން ހުންނާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ.
މި ބަސްތަކުގައި ދަތުރުކުރާ 65 އަހަރުން މަތީގެ މީހުންނާއި 2 އަހަރުން ދަށުގެ ކުޑަ ކުދިންގެ އަތަކުން ފައިސާ ނުނަގާނެކަމަށް އެމްޕީއެލްއިން ވަނީ ހާމަކޮށްފައެވެ.
ގްރޭޓާ މާލޭ އޭރިއާގައި ބަހުގެ ހިދުމަތް ދިނުމަށް އެމްޕީއެލްއިން ތަފާތު ތިން ވައްތަރެއްގެ 22 ބަހެއް ބޭނުން ކުރަމުން ދެއެވެ. މާލޭ ސަރަހައްދުގެ އިތުރުން ދެން އެމްޕީއެލްއިން ބަހުގެ ހިދުމަތް ދެނީ އައްޑޫ އަތޮޅު އަދި ލ. އަތޮޅުގަ އެވެ.