އެކި ބާވަތްތަކުގެ ރޯގާ ފެތުރޭ މިންވަރު އިތުރުވެފައި ވާތީ ސާފު ތާޚިރު ކަމަށް ސަމާލްކަން ދޭންޖެހޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފި އެވެ.
ރާއްޖެޓީވީގެ ޚަބަރުފީތާ ޕްރޮގްރާމްގައި އެޗްޕީއޭގެ ސީނިއަރ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރ އަބްދުﷲ މުއާޒް ވިދާޅުވީ ވޭތުވެދިޔަ ދެ ހަފުތާތެރޭގައި ވައިރަލް ހުން ޖެހިގެން 3418 މީހުން ފަރުވާ ހޯދާފައިވާއިރު، 4367 މީހުން އަރިދަފުސް ރޯގާ ޖެހިގެން ފަރުވާ ހޯދާފައިވާ ކަމަށެވެ. އަދި ޑެންގީ ހުން ޖެހިގެން 230 ފަރުވާ ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެޗްޕީއޭގެ ޕަބްލިކް ހެލްތު ޕްރޮގްރާމް މެނޭޖަރު ސަނާ ސަލީމް ވިދާޅުވީ ބޭރަށް ހިންގުމާއި، ހޮޑުލުމާއި، ވައިރަލް ހުމާއި، އަރިދަފުސް ރޯގާ އަދި ޑެންގީ ހުން މިދިޔަ ދެ ހަފްތާ ތެރޭ އިތުރުވެފައިވާ ކަމަށެވެ. އެހެންވެ، ރައްކާތެރިވުމުގެ ގޮތުން، ފާޚާނާ ކުރުމަށްފަހު ރަނަގަޅަށް ސައިބޯނި ލައިގެން އަތްދޮވުމާއި ޚާއްސަ ގޮތެއްގައި ވިއްސާރަ ދުވަސްވަރެއް ނަމަ ގެއާއި ގޯތި ތެރޭގައި ފެން ހަރުލާ ގޮތަށް ތަކެތި ނުބެހެއްޓުމަށް ޚާއްސަ ސަމާލްކަން ދިނުމަށް ސަނާ ވިދާޅުވި އެވެ.
"ފެން ހަރުލާފަދަ ތަކެތި ގޯތި ތޭރޭގައި ހުރިނަމަ ހަފްތާއަކުން ހަފްތާއަކުން ފެން ބަދަލުކުރަން ޖެހޭނެ. ޑެންގީ ޖައްސާ މަދިރީގެ އާދަކާދަ ހުންނަ ގޮތުން ބިސް އަޅައިފިނަމަ އެ ބިސް ރަނގަޅަށް ނުފިލާ އެތައް ދުވަހެއް ވަންދެންވެސް ހުރެދާނެ ރަނގަޅަށް ސާފްތާހިރު ނުކުރެވޭނަމަ،" ސަނާ ވިދާޅުވިއެވެ.
މި ދުވަސްވަރަކީ ސްކޫލުތަކުގެ ބޮޑު ޗުއްޓީ އަށްވުމާއެކު ދަތުރުފަތުރު ކުރުމާއި މީހުން އެއްވެ އުޅުން ގިނަވުމުގެ ސަބަބުން މި ފަދަ ރޯގާތައް އިތުރުވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.