އަލަށް އުފައްދާ ސިޔާސީ ޕާޓީ، މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބާއްވައި އެ ޕާޓީގެ އިންތިގާލީ ކައުންސިލް އެކުލަވާލައިފިއެވެ.
ޕާޓީ އުފެއްދުމަށް، މަދުވެގެން 300 މެންބަރުންނާއިއެކު ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން އެމްޓީޑީއަށް ހުއްދަ ދިނުމާއި ގުޅިގެން ބޭއްވި މި ޖަލްސާގައި އެ ޕާޓީގެ 506 މެންބަރުން ވަނީ ބައިވެރިވެފައެވެ. ޖަލްސާގައި ބައިވެރިވި މެންބަރުންގެ ތެރޭގައި ގިނަ އަދަދެއްގެ ޒުވާނުން ހިމެނެއެވެ.
މި ޖަލްސާގައި އެ ޕާޓީގެ އިންތިގާލީ ކައުންސިލް އިންތިޚާބު ކުރުމަށް ވޯޓަށް އަހާފައިވަނީ މުޅި ކައުންސިލަށް ގަނޑުކޮށެވެ. ކައުންސިލް އިންތިޚާބު ވެފައިވަނީ ޖަލްސާގައި ބައިވެރިވި 506 މެންބަރުންގެ ތެރެއިން 360 މެންބަރުންގެ ތާއީދާއި އެކުއެވެ.
އެމްޓީޑީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ؛
- ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން (ޔާމީން ރަޝީދު)
- ވިޔަފާރިވެރިންގެ ޖަމުޢިއްޔާގެ ނައިބުރައީސް އިސްމާއިލް އާސިފް
- އައިމިނަތު ވިޖްނާ މުޙައްމަދު
- ޞާއިފް އަޙުމަދު
- މުޙައްމަދު ރީހާން
- ޢަބްދުލް ރަޝީދު ނާފިޒް
- މަރިޔަމް ސިޔާނާ
- ނިމްތާޒް ހިލްމީ
- ހޫދު ޢަބްދުލްޙަސީބް
- އާނިސާ ޙަސަން
- މަރިޔަމް ނަޝްވާ
ކައުންސިލްގެ އިތުރުން މި ޖަލްސާގައި އެމްޓީޑީގެ އަސާސީ ޤަވާއިދާއި، ލޯގޯ އާއި ދިދަ އަދި ކުލަވެސް ވަނީ ފާސްކޮށްފައެވެ. އަސާސީ ޤަވާއިދު ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި 506 މެންބަރުންގެ އިއްތިފާގުންނެވެ. ޕާޓީގެ ލޯގޯ އާއި ދިދަ އަދި ކުލަ ފާސްވީ 404 ވޯޓު ލިބިގެންނެވެ.
މި ޖަލްސާގައި ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި ޕާޓީގެ އާންމު މެންބަރުންގެ އިތުރުން ޕާޓީއިން ދައުވަތުދީގެން އެހެން ޕާޓީތަކުގެ ބައެއް އިސް ފަރާތްތައް ބައިވެރިވެވަޑައިގެންނެވިއެވެ.