މޯލްޑިވިސް ޑިމޮކްރެޓިކް ޕާޓި (އެމްޑީޕީ) އިން ޝަރުއީ ނިޒާމު އިސްލާހު ކުރާނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މާފަންނު މެދު ދާއިރާއަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ސެކެރެޓަރީ އަނަސް އަބްދުއް ސައްތާރުގެ ކެމްޕެއިން ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޝަރުއީ ނިޒާމް އިސްލާހު ކުރެވެނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.
އެގޮތުން 19 ވަނަ މަޖިލީސް ގައި ޝަރުއީ ނިޒާމް އެމްޑީޕީން އިސްލާހު ކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
''19 ވަނަ މަޖިލީސް މި އުފައްދަނީ އެ އިންސާފު ގާއިމް ކުރުމަށްޓަކައި އެއްވެސް ބޭފުޅަކު ހިތުގައި ޝައްކު އުފައްދައިގެން ނުވާނެ. އަޅުގަނޑުމެން ދިވެހި ރާއްޖޭގެ ޝަރުއީ ނިޒާމް އިރާދަ ކުރެއްވިއްޔާ އިސްލާހު ކުރާނަން.'' ކުރީގެ ރައީސް ނަޝީދު ވިދާޅުވިއެވެ.
އަންނަ އަހަރު މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޮޅީ މެދު ދާއިރާއަށް ކުރިމަތިލައްވާފައިވާ ނަޝީދު ވިދާޅުވި، މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެނަމަ ވައްކަމާއި، ފަސާދަ ފަދަ ކަންތައްތަކެއް ފުރުސަތު ނުދޭނެކަމަށެވެ.
އަދި ހަމަ މީގެ އިތުރުން މަޖިލީހަށް ކުރިމަތިލާ މެމްބަރުންނަކީ އިހްލާސްތެރި ބަޔަކަށް ވާންޖެހޭ ބައެއްކަމުގެ މުހިއްމު ކަން ނަޝީދު ވަނީ ފާހަގަ ކޮށްފައެވެ.