އަންނަ އަހަރު އިންތިޚާބުކުރާ 19 ވަނަ ރައްޔިތުންގެ މަޖިލީސް ވެގެން ދާނީ ނަމޫނާ މަޖިލީހަކަށް ކަމަށާއި، އެ މަޖިލީހުގެ ތަނަވަސް އަޣުލަބިއްޔަތު އެމްޑީޕީން ނަގާނެ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މައްޗަންގޮޅީ ދެކުނު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ އަހްމަދު ފައިރޫޒުގެ ކެމްޕެއިން ފެށުމަށް ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި، އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި ނަޝީދު ވިދާޅުވީ 1932 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އިންތިޚާބުކުރި ގާނޫނުހަދާ މަޖިލިސްތަކަށް ވުރެ 19 ވަނަ މަޖިލިސް ނަމޫނާތަނަކަށް ވެގެން ދާނެ ކަމަށެވެ. ވޭތުވެދިޔަ މަޖިލީސްތަކަށް ވެގެން ދިޔަ ގޮތެއް ދެން އިންތިޚާބުކުރާ މަޖިލީހުން ފެނިގެން ނުދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"19 ވަނަ މަޖިލީހުގެ ނަމޫނާ މެމްބަރަކަށް އަޅުގަނޑުވާނަން،" ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެމްބަރުކަން ވެސް ކުރައްވާފައިވާ، އަދި މިފަހަރު މައްޗަންގޮޅީ މެދު ދާއިރާއަށް ވާދަކުރައްވާ ނަޝީދު ވިދާޅުވި އެވެ.
އަންނަ އަހަރުގެ އޭޕްރީލް މަހު އިންތިޚާބުކުރާ އާ މަޖިލީހަކީ "މުޅިން އާ ފެށުމެއް" ކަމަށާއި އެމަޖިލިހުގެ އިތުބާރު ރައްޔިތުންނަށް ބޮޑުވެގެން ދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"19 ވަނަ މަޖިލިހަށް ނުކުންނަ ކެންޑިޑޭޓުންނަކީ ފައިސާގެ ގޯނީގެ ވާހަކަ މަޖިލިހުގެ ތަޅުމުގައި ދައްކާނެ ބައެއް ނޫން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނަޒާހަތްތެރިކަން ބޮޑުކޮށް، މެމްބަރުންނަކީ އިތުބާރު ހިފޭ ބަޔަކަށް ވާންޖެހޭ ކަމަށާއި މެމްބަރުންގެ ހުރިހާ މުއާމަލާތެއް ވާންޖެހޭނީ ރައްުޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް ވަކާލާތުކުރާ ބަޔަކަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
މި ފަހަރުގެ އިންތިޚާބަށް އެމްޑީޕީން 86 ދާއިރާއަށް ވާދަކުރާއިރު، ނަޝީދު ވީދާޅުވީ އެ ޕާޓީން މި ފަހަރު ނުކުންނަނީ ތަޖުރިބާތަކަކާއެކުގައި ކަމަށާއި އެމްޑީޕީއަށް ކުރެވިފައި ނެތް ތަޖުރިބާއެއް ނެތް ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުތަކަކީ އެމްޑީޕީގެ ވައުދުކަމަށާއި އެއީ ރައްޔިތުންގެ އުއްމީދުތަކެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ނުލިބިއްޖެ ނަމަ ވައުދުތައް ފުއްދުމަށް ވަރަށް އުނދަގޫވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ވެރިކަން އެމްޑީޕީއަށް ދެ ފަހަރަށް ބަދަލުކުރެވިއްޖެ ކަމަށާއި އެ ލިބުނު ބަދަލުގެ ފޮނިމީރުކަން ރައްޔިތުންނަށް ހޯދައިދޭންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. ރައްޔިތުން އެދޭ ކަންތައްތައް ފުއްދުމަށްޓަކައި، ބޭނުންވާ ސިޔާސަތުތައް ތަންފީޒުކުރުމުގެ ބާރުވެރިކަން ހޯދައިދޭން ޖެހޭ ކަމަށާއި އެ ބާރުވެރިކަމާއެކުގައި ނޫނީ ރައްޔިތުން ބޭނުންވާ ބަދަލު ހޯދައިދޭން އުނދަގޫވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.