އަޅާލާނެ މީހަކު ނެތި އުޅެނިކޮށް، ސިއްހީ ހާލު ގޯސްވެގެން، އައްޑޫ ސިޓީ ހުޅޫދޫއިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ އަންހެނަކަށް ފަރުވާ ދެމުން ދަނިކޮށް، ނިޔާވެއްޖެއެވެ.
އައްޑޫ ސިޓީ، ހުޅުމީދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވީ އުމުރުން 82 އަހަރުގެ ސަމީހާ ހަސަނެވެ. އޭނާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އޭނާގެ ދަރިއަކު، އަދި ފިރިއަކު ވެސް ނުހުރެއެވެ. އެނގިފައިވާ ގޮތުގައި އެ އަންހެން މީހާގެ އެއްބަނޑު އެއްބަފާ ބޭބެއަކު ދުނިޔޭގައި ހުއްޓަސް، އެ މީހާއަކީ ވެސް މުސްކުޅިބަލީގެ ވޭން ތަހައްމަލް ކުރަމުންދާ މީހެކެވެ.
އެންޑަރ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އިބްރާހިމް މުހައްމަދު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ އަންހެން މީހާ ނިޔާވީ ގުދުރަތީ މަރަކުން ކަމަށެވެ. ހުޅުމީދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް އެ އަންހެން މީހާ ނިޔާވީ ހާލު ސީރިއަސްކަމުން އިތުރު ފަރުވާއަށް މާލެ ނުގެންދެވި އުޅެނިކޮށް ކަމަށް އިބްރާހިމް ވިދާޅުވިއެވެ.
ދައުލަތުގެ އެހީތެރިކަމާ އެކު ހުޅުމީދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް، އެ އަންހެން މީހާ ނިޔާވީ އޭނާ އުޅުނު ހިތްދަތި ދިރިއުޅުމުގެ ވާހަކަ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެގެން ގޮސްފައިވަނިކޮށެއެވެ. އެ އަންހެން މީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ ވެސް އެ ވާހަކަ ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދައްކަމުން ގެންދަނިކޮށެވެ.