ޖުމްހޫރީ ޕާޓީއަށް ބަދަބަސް ނުބުނުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީގެ މެމްބަރުންނަށް ގޮވާލައްވައިފި އެވެ.
މައްޗަންގޯޅި ދެކުނު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ އަހުމަދު ފައިރޫޒްގެ ޕްރައިމަރީ ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދަޅުވީ ރިޔާސީ އިންތިހާބާއި ގުޅުވައި ކޯލިޝަނެއް ހެދުމަށްފަހު، ސަރުކާރު އެކުލަވާލައިފައިވަނީ ކޯލިޝަން އެއްބަސްވުމާއި އެއްގޮތަށް ކަމަށެވެ. އަދި މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ފޯރިޔާއެކުގައި ކުރިއަށްދާއިރު، އިއްތިހާދުގައި ހިމެނޭ އެހެން ޕާޓީތަކަށް ބަދަބުސް ނުބުނުމަށް ރައީސް ނަޝީދު، ޕާޓީގެ އާންމު މެމްބަރުންނަށް ގޮވާލެއްވި އެވެ.
ޖުމްހޫރީ ޕާޓީގެ ނަން ފާހަގަކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ޕާޓީއަށާއި، އެ ޕާޓީގެ ބޭފުޅުންނަށް ބަދަބަސް ބުނެގެން ކެމްޕޭނުކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ޖުމްހޫރީ ޕާޓީން މަޖިލީހުގެ މަޖިލީހުގެ 87 ގޮނޑިއަށް ވާދަކުރެއްވުމަށް ނިންމެވި ނިންމުމަށް ނަޝީދު މިރޭ ވެސް މަރުޚަބާ ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ޑިމޮކްރަސީއަށް ލިބުުނު އިތުރު ކުރިއެރުމެއް ކަމަށެވެ. ގިނަ ކެނޑިޑޭޓުންތަކެއް ވާދަކުރުމުން ރައްޔިތުންނަށް، ރައްޔިތުންގެ ނިންމުން ނިންމަން ފުރިހަމަ ފުރުސަތު ލިބިގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ރައްޔިތުން ނިންމާނީ، ޤައުމަށް އެންމެެ ރަނގަޅު ނިންމުންކަމުގައި ދެކިވަޑައިގަންނަވާކަމަށް ނަޝީދު ވިދާޅުވި އެވެ.