ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމެންޓްގެ ކުރީގެ ހެޑް މުހައްމަދު ޖިނާހަށް އޭނާ ކުރިން ހުންނެވި ފެންވަރުގެ ވަޒީފާއެއް ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ޖިނާހު ފުލުހުންގެ ވަޒީފާއިން ވަކިކުރީ 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.
އާދިއްތަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އޭނާ ކުރިން ހުރި ފެންވަރުންގެ ވަޒީފާއެއް ދިނުމުގެ އިތުރުން، އޭނާ ވަޒީފާއިން ވަކިކުރި މުއްދަތަށްވާ މުސާރަަ އާއި އިނާޔަތްތައް އޭނާއަށް އަނބުރާ ދިނުމަށް ދައުލަތުގެ މައްޗަށް (ފުލުހުންގެ މައްޗަށް) އަންގާ އަމުރުކުރާ ކަމަށެވެ. އެގޮތުން ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް މުސާރަ އާއި އިނާޔަތްތަކަށް ލިބެން ޖެހޭ 2.8 މިލިއަން ރުފިޔާ ދިނުމަށް އަމުރުކޮށްފައި ވެއެވެ.
ސިވިލް ކޯޓުން އެގޮތަށް ދައުލަތުގެ މައްޗަށް އަމުރުކުރީ ދައުލަތުން އެކަންކަމަށް އެއްބަސްވުމާއި ގުޅިގެންނެވެ. އެގޮތުން އެ މައްސަލައިގައި ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ އެ ދައުވާއަށް އެއްބަސްވެ، ޖިނާހު ވަކިކުރީ އިޖްރާއާތުތައް ފުރިހަމަ ނުކޮށް ކަމަށް އެއްބަސްވެފަ އެވެ. އަދި އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އަލުން ދިނުމަށާއި ވަކިކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް މުސާރަ އާއި އިނާޔަތްތަކަށް ލިބެން ޖެހޭ 2.8 މިލިއަން ރުފިޔާ ވެސް ދައްކަން އެއްބަސްވާ ކަމަށް ދައުލަތުން ވަނީ ކޯޓުގައި ބުނެފައެވެ.
ޖިނާހްއަށް ފުލުހުންގެ ވަޒީފާ ދިނުމަށް ހުކުމްކުރިއިރު، މީގެ ކުރިން ކޯޓުން ވަނީ އިތުރު ބޭފުޅުންތަކަކަށްވެސް ފުލުހުންގެ ވަޒީފާ އަލުން ދިނުމަށް ހުކުމްކޮށްފަ އެވެ. އެގޮތުން އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝާއި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވަކިކުރީ ވެސް ގޯސްކޮށް ކަމަށް ދައުލަތުން ވަނީ އެއްބަސްވެފަ އެވެ.