ހުޅުމާލެ ލިންކް ރޯޑުގައި ވަގުތީ ގޮތުން ލައިޓް ދިއްލާ ގޮތަށް ހަމަޖައްސައިފިއެވެ.
ސިނަމާލެ ބްރިޖައް އަރަން އޮންނަ ލިންކް ރޯޑުގެ ލައިޓްތައް ދިއްލަން ނިންމިކަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައި ވަނީ ހޯމަ ދުވަހުއެވެ.
އެޗްޑީސީ އިން ހޯމަ ދުވަހު ކުރި ޓްވީޓެއްގައި ބުނީ، ޓެސްޓް ބުރެއްގެ ގޮތުގައި މިރޭ ލައިޓްތައް ދިއްލާނެ ކަމަށެވެ.
ލައިޓްތައް ދިއްލަން ނިންމާފައިވާ ކަން އިއުލާން ކޮށްފައިވާއިރު، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުވާފައިވާ ބްރިޖަށް ތިންމަސް ވެފައިވާއިރު ލިންކް ރޯޑުގެ ގިނަ ސަރަހައްދުތަކުގައި ލައިޓް ދިއްލާފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.
މި އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ހުޅުވި ބްރިޖް ގިނަ ބަޔަކު ބޭނުން ކުރަމުންދާއިރު ބަންދު ދުވަސްތަކަކީ ބްރިޖަށް އެންމެ ބާރު ބޮޑު ދުވަސްތަކެވެ.
ބާރު ސްޕީޑުގައި ބްރިޖުން އެއްޗެހި ދުއްވުމުގެ ސަބަބުން ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް ވަނީ ވެފައެވެ.
އެގޮތުން ބްރިޖްގައި ހިނގާފައިވާ އެކްސިޑެންޓްތަކުގެ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށައަޅާފައި ވެއެވެ.
ބައެއް ފަަރާތްތަކުން ބުނާ ގޮތުގައި އެކްސިޑެންޓްތައް އިތުރުވަނީ ހަދާފައިވާ ގާނުނާއި ގަވާއިދުތަކަށް ބޯނުލެބުމުގެ ސަބަބުން ކަމަށެވެ.