ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ވާދަ ކުރުމަށް ނިންމުމުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު ކުރިއެރުމެއް ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީން އާދީއްތަ ދުވަހު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނިންމާފައި ވަނީ އެ ޕާޓީގެ ފަރާތުން މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމަށް ހުޅުވާލުމަށެވެ. އެ ފުރުސަތު އެ ޕާޓީގެ މެމްބަރުންނަށް އަންނަ އަހަރުގެ ޖެނުއަރީ 25ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުގެ އެ ނިންމުމާ ގުޅިގެން، ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑިމޮކްރަސީގެ އުސޫލުތަކާއި އެއްގޮތަށް ރައްޔިތުން ބޭނުންވާ ގޮތް އިހްތިޔާރު ކުރުމުގެ ފުރުސަތު ލިބޭނެ މަގު ތަނަވަސް ކޮށްދޭންޖެހޭނެ ކަމަށެވެ. އެ އުސޫލުން ޖޭޕީން އެ ޕާޓީގެ މެމްބަރުންނަށް މަޖިލީހުގެ ހުރިހާ ގޮނޑިއަސް ކުރިމަތިލުމަށް ހުޅުވާލުމުން، އެކަމަށް ތައުރީފު ކުރައްވައި ނަޝީދު ވިދާޅުވެފައި ވަނީ އެ ނިންމެވުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރު ހިންގުމުގައި އިންތިހާދު ބަދަހިކޮށް އޮންނާނެ ކަމީ ކަށަވަރު ކަމެއް ކަމަށެވެ.
Democracy ge us’oolthakai ehgothah, rayyathunah ikhthiyaaru kurumuge furusath libeynemagu thanavas kohdhemun, JP in 87 dhaairaa ah candidate in nerumah ninmevi kamee Raajjeyge democracy ah libunu kuri erumeh.Sarkaar hingumugai iththihaadh badhahikoh onaane kamee kashavaru kamekeh
— Mohamed Nasheed (@MohamedNasheed) December 24, 2018
ޖޭޕީން މަޖިލީހުގެ ހުރިހާ ދާއިރާއަށް ވާދަ ކުރުމަށް އެ ޕާޓީގެ މެމްބަރުންނަށް ހުޅުވާލާފައި ވަނީ މަޖިލީހުގެ 86 ގޮނޑިއަށް ވާދަ ކުރުމަށް އެމްޑީޕީގެ މެމްބަރުން އެ ޕާޓީއަށް ފޯމު ހުށަހަޅާފައި ވަނިކޮށެވެ. އެމްޑީޕީން މަޖިލީހުގެ ހުރިހާ ދާއިރާއަށް ކުރިމަތިލާން މި މަހުގެ ހަތް ވަނަ ދުވަހު ހުޅުވާލުމުން 280 ކެންޑިޑޭޓުން ވަނީ ފޯމު ހުށަހަޅާފައެވެ. އަދި 76 ދާއިރާއެއްގައި ޕްރައިމަރީ ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި ޕްރައިމަރީއަކާ ނުލައި 10 ކެންޑިޑޭޓަކަށް ވަނީ ޓިކެޓް ލިބިވަޑައިގެންފައެވެ.