ޓެކްސީ ދަތުރުގެ އަގުތައް ކަނޑައަޅާނީ އާންމުންނާއި ޓެކްސީ ޑްރައިވްރުންނާއި މަޝްވާރާކުރުމަށް ފަހުގައި ކަމަށް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ޓެކްސީ ޑްރައިވަރުންނާއި ބައްދަލުކުރައްވަމުން މިނިސްޓަރ ވިދާޅުވީ ރަނގަޅު އަގަކަށް ބަދަލުކުރުމަށް ހިދުމަތް ދޭންތިބި ފަރާތްތަކާއި އާންމުންނާއި މަޝްވަރާކުރަންޖެހޭނެކަމަށާއި އެކަމަށް ގޮތެއް ނިންމުމަށް ފޯރަމެއް ބާއްވާނެކަމަށެވެ. މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ބަދަލެއް ގެނައުމަށް ގަވައިދެއް ހަދައި ވެބްސައިޓަށްލާފައި ނުވާކަމަށާއި ގަވާއިދެއް އެކުލަވާލުމާއި، އަމަލު ކުރުމުގެ ކުރިން ހުރިހާ ޑްރައިވަރުންނާއި މަޝްވަރާ ކުރާނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިހާރު ރެޖިސްޓްރީ ކޮށްފައިވާ ކާރުތައް މަގުމަތި ނުކުރާނެ ކަމަށާއި ކުއްލިޔަކަށް ބަދަލުތައް ގެނެސްފިނަމަ އެ ކާރުތައް ޕާކްކުރާނެތަނެއް ދައްކާނެކަމަށެވެ. އަދި މިނިސްޓްރީން ޒިންމާ ނަގާނެކަމަށާއި މިކަމަންތައްތައް ހައްލު ކުރުމަށްޓަކައި ސަރުކާރާ އެކީގައި މަޝްވަރާކުރެވެމުން ދާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އިންޓަވިއުއެގައި ކާރު ރަޖިސްޓްރީ ބާތިލް ކޮށްލާނެވާހަކަ ދައްކާފައިވާނެކަމަށާއި، އެކަން ކުރާނީ ޓެކްސީ ޑްރައިވަރުންނަށް ގޮތްތަކެއް ދެއްކުމަށް ފަހުގައި ކަމަށެވެ. މީގެއިތުރުން އާންމުންނަށް އޮޅުން އަރާނެގޮތައް މީޑިއާތަކުން ހަބަރުތައް ނުގެނައުމަށް މިނިސްޓަރ ވަނީ އިލްތިމާސްކޮށްފައެވެ.
މިނިސްޓަރ ވިދާޅުވީ ޕްލޭނިންގް މިނިސްޓްރީއާއި ގުޅިގެން ގަރާޖުތައް ނައްތާލާއިރުގައި ކާރުތައް ރަޖިސްޓްރީ ކުރާނެ ސްލޮޓުތަކެއް ކަނޑައަޅާނެކަމަށެވެ. ގަވާއިދައް ބަދަލު ގެނައުމަށްފަހު އެ ގަވާއިދައް ނުފެތޭ އުޅަނދުތަކާއި މެދު ފިޔަވަޅުއަޅާނެކަމަށާއި ރަޖިސްޓްރީ ހިފަހައްޓާނެކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ސަރުކާރުން ނުވަތަ މިނިސްޓްރީގެ އިހުމާލުން ވެފައި އޮތް ކަމެއްގެ ޒިންމާ ރައްޔިތުން ނަގަން ނުޖެހޭނެ ކަމަށާއި އަދި އެކަން ރަނގަޅުކުރާނެކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ޓެކްސީ ޑްރައިވަރުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިތުރަށް ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސަތްކަތް ކުރަނީ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމަށްކަމަށާއި ޓެކްސީ ޑްރައިވަރުން މަގުމަތި ނުކުރާނެކަމަށެވެ. އަދި ކުރިޔަށް އޮތްތނުގައިވެސް ހިޔާލު ފާޅުކުރަން ބޭނުންކަމުގައިވާނަމަ މިނިސްޓަރ އާއި ބައްދަލުކުރެވޭނެކަމަށް ވަނީ ވިދާޅުވެފައެވެ.
.ބުރިޖު ހުރަސްކޮށް ކުރާ ދަތުރުތަކަށް ޓެކްސީތަކުން ބޮޑު އަގު ނަގަމުންދިއުމާ ގުޅިގެން ފުލުހުން މިހާރު ދަނީ ޓެކްސީތައް ހުއްޓުވާ ދަތުރަށް އަގު ނަގަނީ ގަވާއިދުންތޯ ބަލައި ފާސްކުރަމުންނެވެ. މިކަމާއި ގުޅިގެން ޓެކްސީ ޑްރައިވަރުން ބުނެފައިވަނީ އެމީހުންނަށް ފުލުހުން އިންޒާރުދެމުންދާކަމަށެވެ. އެކަމަށް އިޝާރަތްކުރައްވާ ނަހުލާ ވިދާޅުވީ އެކަން ހުއްޓުވުމަށް މަސަތްކަތް ކުރާނެކަމަށާއި ފޯރަމް ބޭއްވުމަށްފަހު ގޮތެއް ނިމެންދެން ޓެކްސީތައް ނުހުއްޓުވުމަށް ފުލުހުންނަށް އިލްތިމާސްކުރާކަމަށެވެ.