ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފުރަތަމަ ފަހަރަށް ސިފައިންގެ މައި އިދާރާ ބަންޑާރަ ކޮށްޓަށް ވަޑައިގެން، ސިފައިންގެ އިސް އޮފިސަރުންނާ ބައްދަލު ކުރައްވައިފިއެވެ.
ސިފައިންގެ އެންމެ މަތީ ވެރިޔާގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ރައީސް ސޯލިހު ބަންޑާރަކޮށްޓަށް ވަޑައިގެންނެވީ ހޯމަ ދުވަހުގެ މެންދުރުއެވެ.
ރައީސް ސޯލިހު ބަންޑާރަ ކޮއްޓަށް ވަޑައިގެންނެވުމުން، އެމަނިކުފާނަށް މަރުހަބާ ދެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް ޢަބްދުﷲ ޝަމާލެވެ.
އެމްއެންޑީއެފުން ބުނީ ރައީސް ސޯލިހު ހޯމަ ދުވަހު ބަނޑޭރިކޮށްޓަށް ވަޑައިގެން، އޮފިސަރުންނާ އެކު މެންދުރުގެ ފަރިއްކޮޅަކަށް އިންސާފު ކުރެއްވި ކަމަށެވެ. ރައީސާ އެކު އެ ފަރިއްކޮޅުގައި ޖެނަރަލް އޮފިސަރުންނާއި ޔުނިޓް ކޮމާންޑަރުންނާއި ސީނިއަރ ވޮރެންޓް އޮފިސަރުންނާއި އެންލިސްޓެޑް ލީޑަރުންނާ ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.