ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ހޯމަ ދުވަހު ރާއްޖެ ވަޑައިންގަތުމަށްޓަކައި ޖަޕާނުން ފުރާވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާއީލް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުފުޅަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ފަރާތުން އިރުމަތީ އޭޝިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ޖަޕާނުގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ އޮފް ފިނޭންސް ހިޒް އެކްސެލަންސީ މރ. ތާރޯ އާސޯގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.
މީގެ އިތުރުން މިނިސްޓަރ ޝާހިދު ވަނީ ޖަޕާނުގެ ޚާރިޖީ ވަޒީރު ހިޒް އެކްސެލަންސީ މރ. ތާރޯ ކޯނޯއާ ވެސް ބައްދަލުކުރައްވާފައެވެ.
ދެ ޤައުމުގެ ޚާރިޖީ ވަޒީރުންގެ މި ބައްދަލުކުރެއްވުމަކީ ފާއިތުވި އަހަރު ދުވަސްތެރޭގައި ދެ ޤައުމުގެ ޚާރިޖީ ވަޒީރުންގެ މެދުގައި ބޭއްވުނު ހަތަރު ވަނަ ބައްދަލުކުރެއްވުމެވެ.
މިދަތުރުފުޅުގައި ބޭއްވުނު ބައްދަލުކުރެއްވުންތަކުގައި މަޝްވަރާކުރައްވާފައިވަނީ ޖަޕާނާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ޒަމާންވީ، އެކުވެރި، ބަދަހި ގުޅުން އިތުރަށް ވަރުގަދަކޮށް، ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޖަޕާނުގެ މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ހިޒް އެކްސެލަންސީ މރ. ޔޮޝިއާކީ ހަރާޑާއާއި މިނިސްޓަރ އޮފް އިކޮނޮމީ، ޓްރޭޑް އެންޑް އިންޑަސްޓްރީ، ހިޒް އެކްސެލަންސީ މރ. ހިރޮޝިގޭ ސޭކޯ އާއި ޖަޕާން ބޭންކް ފޯ އިންޓަރނޭޝަނަލް ކޯޕަރޭޝަން (ޖޭބިކް)ގެ ގަވަރުނަރާއި ޖަޕާން އެކްސްޓަރނަލް ޓްރޭޑް އޯގަނައިޒޭޝަންގެ ރައީސާއި ޖަޕާނުގެ ވިޔަފާރީގެ ދާއިރާގެ އިސް ފަރާތްތަކާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުންތަކުގައި މަޝްވަރާކުރައްވާފައިވަނީ ރާއްޖެއާއި ޖަޕާނުގެ ގުޅުން ބިނާވެފައިވާ މުހިއްމު ދާއިރާތައް ކުރިއަރުވައި މި ގުޅުންތައް މުސްތަޤުބަލުގައި އިތުރަށް ވަރުގަދަކުރެވޭނެ ގޮތްތަކުގެ މައްޗަށް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން، ޖަޕާނަށް ވަޑައިގެންނެވި ވަފުދުން ވަނީ ޖަޕާން ނޭޝަނަލް ޕްރެސް ކްލަބުގައި އޮތް ޕްރެސް ކޮންފަރެންސެއްގައި ވަނީ ވެސް ބައިވެރިވެވަޑައިގެންފައެވެ.