ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ބެންކް އެކައުންޓްތައް ފްރީޒްކުރަން ކްރިމިނަލް ކޯޓުން ނެރުނު ތިން އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރަން ހުށައަޅައިފިއެވެ.
ރައީސް ޔާމީންގެ މައްޗަށް ތުހްމަތުކުރެވޭ މައްސަލަތަކަކާ ގުޅިގެން ފްރީޒްކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސް އާއި އިސްލާމިކް ބޭންކްގައިވާ އެކައުންޓެވެ. އެ ދެ އެކައުންޓްގައި ހުރި ފައިސާގެ އަދަދު 100 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ޔާމީންގެ މައްސަލައިގައި ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމަނިކުފާނުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކަށް ވޭތުވެދިޔަ ފަސް އަހަރު ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، މުއާމަލާތް ހިންގިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ޕީޕީއެމްގެ އޮފީހުގައި ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ޔާމީންގެ ގާނޫނީ ވަކީލު، އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އާޒިމާ ޝަކޫރު ވިދާޅުވީ ޔާމީންގެ އެކައުންޓުތައް ފްރީޒު ކުރަން ނެރުނު ކޯޓު އަމުރުތަކަކީ ޖިނާއި އިޖުރާއަތުގެ ގާނޫނާ ޙިލާފަށް، އަދި އަސާސީ ހައްގުތައް ނިގުޅައިގަނެވޭ ގޮތަށް ނެރިފައިވާ އަމުރުތަކެއް ކަމަށެވެ.
"މި މައްސަލައިގައި އަޅުގަނޑުމެން މައިގަނޑު ގޮތެއްގައި ދެ ގާނޫނީ ނުކުތާއެއް މި ހުށަހެޅީ. އެއް ކަމަކަށް މިފަދަ ބާވަތްތަކުގެ ޖިނާއީ މައްސަލަތަކުގެ ޖިނާއީ އިޖްރާއަތްތަކުގެ ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައި އެބަ ހުރި އިޖްރާއީ ގޮތުން މިހުރި ކަންތައްތަކުގައި އަމަލު ކުރާނެ ގޮތްތަށް. އަދި އެ ގޮތުން ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި މި ހުރި އިޖްރާއަތްތަކާއި ޙިލާފަށް ނެރުއްވާފައިވާ އަމުރަކަށް ވާތިއްޔާއި، ރާއްޖޭގެ ގާނޫނު އަސާސީން އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ އަސާސީ ހައްގުތައް ނިގުޅައި ގަނެވޭ ގޮތަށް ނެރިފައިވާ ކޯޓު އަމުރަކަށް ވާތީ އަޅުގަނޑުމެން މައްސަލަ ހުށައެޅީ" އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވި ގޮތުގައި ޔާމީންގެ އެކައުންޓްތައް ފްރީޒް ކޮށްފައި ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށެވެ. މި އަމުރު ނެރިފައި ވަނީ ފުލުހުންނަށާއި އެމްއެމްއޭއަށް ސިޔާސީ ނުފޫޒު ފޯރުވައިގެން ކަމަށް ވެސް އާޒިމާ ވަނީ ތުހުމަތު ކުރެއްވިއެވެ.
އެ މައްސަލާގައި ޔާމީންގެ މައްޗަށް ދައުވާ ކުރާ އެމްއެމްޕީއާރްސީގެ މައްސަލާގައި ބުނާ ފައިސާ ޖަމާވެފައި ހުރީ ކޮން އެކައުންޓެއްގައި ކަން ފުލުހުންނަށް ބުނެދެވިފައި ނުވާ ކަމަށް ވެސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ އަބްދުﷲ ޝިޔާޒު ވަނީ ވިދާޅުވެފައެވެ.
"ހައްތަހާ ވެސް ވިދާޅުވަނީ [ފުލުހުން ސުވާލު ކުރަނީ] އެމްއެމްޕީއާރްސީގެ ފައިސާ ވަދެފައި ހުރީމައޭ. އެހެން ކަމަށް ވާނަމަ، [ހިޔާނާތުގެ ފައިސާ] ވަދެފައި ހުރި އެކައުންޓެއް ބުނީމައެއް ނޫންތޯ އެޔަށް ޖަވާބުދާރީ ވެވޭނީ" އަބްދުﷲ ޝިޔާޒު ވިދާޅުވިއެވެ.
ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާޒިމާ ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓްތަކުގައި ހުރި ހުރިހާ ފައިސާއެއްގެ މަސްދަރު ސާބިތުކޮށް ދެވޭނެ ކަމަށެވެ. އަދި އެކައުންޓްތައް ފްރީޒް ކުރަން ޖެހޭ ސަބަބަކާ މެދު ޔާމީންގެ ވަކީލުން ވަނީ ސުވާލު އުފައްދާފައެވެ.
ރާއްޖޭގެ ފަޅު ރަށްތަކާއި ފަޅުތައް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 1.2 ބިލިއަން ރުފިޔާ ޔާމީންގެ ވެރިކަމުގައި ވަނީ ހިޔާނާތްތެރިވެފައެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ތެރެއިން ހިންގި އެ ކޮރަޕްޝަންގެ ފައިސާގެ ތެރެއިން 80 މިލިއަން ޑޮލަރު ޔާމީންގެ ގެކޮޅަށް ގެންގޮސް، ކޮޓަރިއެއްގައި ގުނި ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި ވަނީ ވިދާޅުވެފައެވެ.