ރާއްޖޭގައި ހަދަމުން އަންނަ ރިސޯރޓެއްގައި ހާހަކާ ގާތްކުރާ އަދަދަކަށް ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން ދާ ކަމަށް ލޭބާ ރިލޭޝަން އޮތޯރިޓީން ބުނެފިއެވެ.
ލޭބާރ ރިލޭޝަން އޮތޯރިޓީގެ އިންފޮމޭޝަން އޮފިސަރު އަލީ ޝަރީފް ވިދާޅުވީ އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށާއި، އެއީ ކޮން ރިސޯރޓެއް ކަން މި މައްސަލަ ބެލުމަށް ފަހު ހާމަކުރާނެ ކަމަށެވެ. ޝަރީފް ވިދާޅުވީ އެ މައްސަލަ ބަލަން ފެށީ އެ އޮތޯރިޓީއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކަމަށެވެ.
އޮތޯރިޓީއިން އެ މައްސަލަ ބަލަން ދިއުމުން 2447 ބިދޭސީން އެތަނުގައި ތިބިއިރު، އޮތޯރިޓީއާ ހިއްސާކުރީ 1400 އެއްހާ މީހުންގެ މައުލޫމާތު ކަމަށް ޝަރީފު ވިދާޅުވިއެވެ. އޮތޯރިޓީއަށް އެކަން ޝައްކުވެގެން އެދުމުން އެ ފަރާތްތަކުގެ މައުލޫމާތު މިހާރު ހިއްސާކޮށްފައިވާ ކަމަށާއި، އެ ހުރިހާ މައުލޫމާތެއް ވަކިވަކިން ނަގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އަލަށް ހަދަމުން އަންނަ ރިސޯރޓާ އެކު މި އަހަރުގެ ތެރޭ 30 ރިސޯޓެއް ބެލި އިރު، ގަވައިދާ ހިލާފަށް ބިދޭސީން ވަޒީފާތަކުގައި ތިބޭ މައްސަލަ ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ދިވެހިންނަށް ކުރެވިދާނެ ކަހަލަ މަސައްކަތްތައް ކުރުމުގައި ރިސޯޓުތަކުގައި ބިދޭސީން ގެންގުޅެމުންދާ ކަމަށެވެ.
ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންނާ މެދު، ލޭބާރ ރިލޭޝަންސް އޮތޯރިޓީއަށް ލިބިފައިވާ ބާރުގެ ދަށުން އިދާރީ ފިޔަވަޅުތައް އަޅާނެ ކަމަށާއި، އެގޮތުން ބްލެކްލިސްޓް ކުރުމާއި ޖޫރިމަނާ ކުރުން ފަދަ ކަންތަށް ކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގަވައިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތް ކުރުވާ ނަމަ، އެ ފަރާތެއް ޖޫރިމަނާ ވެސް ކުރާނެ ކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސައްހަ އަދަދު ދައުލަތުގެ އެއްވެސް އިދާރާއަކަށް ނޭނގޭ އިރު އެ އަދަދު ލައްކައަކާ ގާތްކުރާނެ ކަމަށް އަންދާޒާކުރެވެއެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި އެއްވެސް ސަރުކާރަކަށް މިހާތަނަށް ކުރިއެރުމެއް ނުލިބި ދުވަހެއް ދުވަހަކަށް މި މައްސަލަ ދަނީ ބޮޑުވަމުންނެވެ. ގިނަ ފަރާތްތަކުން ދެކޭ ގޮތުގައި މި މައްސަލަ ހައްލުނުވުމުގައި އިމިގްރޭޝަންގެ ތެރޭގައި ކޮރަޕްޝަން އިންތިހާ އަށް އޮތުމާއި ތަންފީޒީ އިދާރާތަކުގެ އިހްލާސްތެރިކަން ނެތުން ފާހަގަކުރެވެއެވެ.