ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދާ ސިޔާސީ ޕާޓީ އުފެއްދުމަށް ހުށަހަޅައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި އާދީއްތަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
Peoples National Congress ge namugai siyaasee party eh ufehdhumuge huhdha ah edhi, EC ah form 23.12.2018 vee aadhihtha dhuvahu hushahalhaifi
— Elections Commission (@ElectionsMv) December 24, 2018
އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޔާމީން ވިދާޅުވެފައި ވަނިކޮށް، އާދީއްތަ ދުވަހު އާ ޕާޓީއެއް އުފެއްދުމަށް ފޯމް ހުށަހެޅުއްވީ، ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.
އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ޔާމީން ފައްޓަވާފައި ވަނީ ޕީޕީއެމްގެ މައްސަލަ ސުޕްރީމް ކޯޓުގައި ވަނިކޮށެވެ. އެ މައްސަލަ ކޯޓް ނިމި، ޕާޓީ ލިބޭނެ ފަރާތެއް ނޭނގޭއިރު، އާ ޕާޓީއެއް އުފެއްދުން މުހިންމު ކަމަށް ރައީސް ޔާމީން އަރިހުގައި ތިއްބެވި ބޭފުޅުން ވިދާޅުވެ އެވެ.
އާ ޕާޓީ އެއް އުފެއްދުމަށް މިހާރު ޕީޕީއެމްގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން މަސައްކަތްކުރައްވާއިރު، ޕީޕީއެމްގެ ފަރާތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރުމަށްޓަކައި 42 މީހަކަށް ވަނީ ޓިކެޓް ދީފަ އެވެ. ސުޕްރީމް ކޯޓްގައި މިހާރު އޮތް މައްސަލަ ޔާމީނަށް ކާމިޔާބު ނުވެއްޖެ ނަމަ، މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ޓިކެޓް ދީފައިވާ މެމްބަރުން ބަދަލުވާނީ އާ ޕާޓީއަށް ކަމަށް ޔާމީން ވަނީ ވިދާޅުވެފަ އެވެ.