މޮރޮކޯގައި ދެ ފަތުރުވެރިއެއްގެ ކަރު ބުރި ކޮށްލި މައްސަލައާ ގުޅިގެން އިތުރު 9 މީހަކު ހައްޔަރު ކޮށްފިއެވެ.
މޮރޮކޯގެ ދައުލަތުގެ މީޑީއާ، އެމްޓޫއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިތުރު ބަޔަކު ހައްޔަރު ކުރީ މި އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި ހަތަރު މީހުންނަށް ވާގިވެރިވީ ކަމުގެ ތުހުމަތުގައެވެ. އަދި މި މީހުން ހައްޔަރު ކުރުމަށް ހިންގި އޮޕަރޭޝަންތަކުގައި ބޮން ހަދަން ބޭނުންކުރެވޭނެ ކަމަށް ޝައްކު ކުރެވޭ އާލާތްތަކެއް ފެނިފައިވާ ކަމަށް ވެސް އެމްޓޫއިން ވަނީ ހާމަކޮށްފައެވެ.
ކަރު ބުރި ކޮށްލާފައި އޮއްވާ ފެނުނީ ޑެންމާކަށް ނިސްބަތްވާ ލުއިސާ ޖެސްޕަރސަން އާއި ނޯވޭގެ މަރެން އޫލެންޑްއެވެ.
މޮރޮކޯގެ ފުލުހުން ބުނެފައިވަނީ ޓެރަރިސްޓު އަމަލެއް ކަމަށް ޝައްކު ކުރެވޭތީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. މި މީހުންނަކީ އިސްލާމިކް ސްޓޭޓްއާއި ގުޅުން އޮންނާ ބަޔެއް ކަމަށް ވެސް ބައެއް މަސްދަރުތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ޖުމްލަ އަދަދަކީ ތޭރައެވެ. އަދި މީގެ ތެރެއިން އެކަކުގެ މައްޗަށް ކުރިން ޓެރަރިޒަމްގެ ދައުވާއެއް ސާބިތުވެފައިވާ ކަމަށް މޮރޮކޯގެ ފުލުހުން ވަނީ ބުނެފައެވެ.
ހޮނިހިރު ދުވަހު މޮރޮކޯގެ ރައްޔިތުން ވަނީ މަރުވި މީހުންގެ ހަނދާނުގައި އެ ގައުމުގައު ހުންނަ ނޯވޭއާއި ޑެންމާކުގެ އެމްބަސީ ދޮށަށް އެއްވެފައެވެ.
މޮރޮކޯއަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގެ ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލެކެވެ. ހާއްސަކޮށް އެ ގައުމުގެ މަރަކޭޝްއާއި ކަސަބްލަންކާއަކީ އެ ތަން ތަނުގެ ރީތި އިމާރާތްތަކާއި މިސްކިތްތަކުގެ ފަރުމާގެ ސަބަބުން މުޅި ދުނިޔެއަށް މަޝްހޫރު ވެފައިވާ އަވަށްތަކެވެ.