ދައުވާއެއް ކުރުމެއް އަދި ސާބިތު ހުކުމެއްވެސްނެތި މިސްރުގެ ޖަލަށްލާފައިވާ އަލް ޖަޒީރާގެ ނޫސްވެރިޔާ މަހްމޫދު ހުސެެއިންގެ ބަންދަށް އާދީއްތަ ދުވަހު ދެ އަހަރު ފުރިއްޖެއެވެ.
ހުސެން ހައްޔަރުކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އާއިލާ ގާތަށް އަހަރީ ޗުއްޓީއަށް ގާހިރާއަށް ދިއުމުންނެވެ.
ހުސެންގެ ބަންދުގެ މައްސަލަގައި މިސްރުންވަނީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ އިތުރުން އެ ގައުމުގެ ޤާނޫނުލް އުގޫބާތާވެސް ޚިލާފުވެފައެވެ.
އެ ގަައުމުގެ ގާނޫނުލް އުގޫބާތު ބުނާ ގޮތުން ވަކި ފަރުދަކު ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ ކުރުމަކާނުލައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 620 ދުވަހެވެ.
އިދާރާތަކަށް އޮތް ގޮތަކީ އޭނާ ދޫކޮށްލުން ނުވަތަ އޭނާ ކޯޓަށް ހާޒިރުކުރުމެވެ.
ގަތަރުގައި މަސައްކަތްކުރަމުންދިއަ ނޫސްވެރިޔާގެ މައްޗަށް މިސްރުން ތުހުމަތުކޮށްފައިވަނީ ދޮގު ޚަބަރު ފެތުރުމާއި ދައުލަތުގެ މުއައްސަސާތައް ބަދުނާމުކުރުމަށް ބޭރުގެ ޖަމާއަތްތަކުން ފައިސާ ހޯދަމުން ދިޔަ ކަމަށެވެ. ނަމަވެސް އަދިވެސް ރަސްމީކޮށް އޭނާގެ މައްޗަށް ދައުވާއެއް އުފުލާފައެއް ނުވެއެެވެ.
ހުސެއިން އަދި އަލް ޖަޒީރާއިން އެ ތުހުމަތުތަކަށް ކަނޑައެޅިގެން އިންކާރުކުރާއިރު ބައިނަލްއަޤްވާމީ މުޖުތަމައުގެ ފާޑުކިޔުން މިސްރަށްވަނީ އަމާޒުވެފައެވެ.
މިސްރުގެ ކޯޓުތަކުން އޭނާގެ ބަންދުގެ މުއްދަތު ތަކުރާރުކޮށް އިތުރުކުރަމުންދާއިރު ހުސެެއިންގެ ބަންދުގެ މުއްދަތު އިތުރު 45 ދުވަހަށް މި މަހުގެ ކުރީކޮޅުވެސްވަނީ އިތުުރުކޮށްފައެވެ.