"ސަހީހުލް މުސްލިމް"ގެ ތަރުޖަމާއާއި ޝަރަހައިގެ ނުވަ ވަނަ ބައި ނެރެފި އެވެ.
ޝެއިޚް ހުސައިން ރަޝީދު އަހްމަދު ތަރުޖަމާ ކުރައްވާފައިވާ މި ފޮތް އާދިއްތަ ދުވަހުގެ ރޭ ނެރެދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އިސްކަންދަރު ސުކޫލް ހޯލްގައި ބޭއްވި ރަސްމިޔާތުގައި މި ފޮތާ ގުޅޭ ގޮތުން ހުސެއިން ރަޝީދު ވިދާޅުވީ މި ފަހަރުގެ ބައިގައި ފަސް ޗެޕްޓަރަކަށް ބަހާލާފައިވާނެ ކަމަށެވެ.
"އޭގައި އެންމެ ފުރަތަމަ އަންނަނީ ގާތުން ކިރުދިނުމާ ބެހޭ ގޮތުން. ކިރަކީ ކޮބައި ކަމާއި ކިރުދިނުމަކީ ކޮބާކައިމާއި، ހަލާލުވަނީ ކިހިނެތޯ އާއި ހަރާމްވަނީ ކިހިނެތޯ މި ބައިގައި ތަފްސީކޮށް އެބަ އާދޭ. ދެން މި އަންނަނީ ކައިވެނީގެ ބައި ދެން އަންނަނީ ވަރި ކުރުމުގެ ބައި ދެން އަންނަނީ މިނިވަން ވުމުގެބައި، އަޅުން މިނިވަން ކުރުމުގެ ބައި ދެން އެއާއެކު އަންނަނީ ވިޔަފާރީގެ ބައި. ވިޔަފާރީގެ ބައި ވަރަށް ދިގުކޮން އޮތީ މިބައިގައި ގެންނަވާފައި،" ހުސެއިން ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކައިވެނިކުރާއިރު އެނގެން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި އެކަންކަން ހަދީޘްތަކުން ވަރަށް ތަފްސީކޮން އައިސްފައި އެބަހުރި ކަމަށެވެ. އަދި އެހެންމެ އަންހެނުންނަށް އިސްލާމް ދީނުގައި ދީފައިވާ އަހަމިއްޔަތާއި އިސްކަން ހަދީސްތަކުން އެނގެން އޮންނައިރު އެކަން ކަމަށް މި ފޮތުގައި އަލިއަޅުވާލައްވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ފޮތް ނެރެދެއްވުމަށް ފަހު ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ސަހީހުލް މުސްލިމް ހަދީސްތައް އެއްކުރައްވާ ގެނެސް ދިނުމުގައި އަމަލު ކުރައްވާފައިވަނީ އެކަމުގައި އިތުބާރު ހުރި ގޮތަށް ކަމަށެވެ.
"ސައިންޓިފިކް އުސޫލާއި އިތުބާރު ލިބޭނެ ގޮތަށް އިމާމް މުސްލިމްގެ ހަދީސްތައް ލިބިފައި މިވަނީ. ދެން އަޅުގަނޑަށް ޔަގީން ހުސެއިންނަށް ވުރެ ކުޅަދާނަ ގަލަމެއް ދިވެހި ބަހަށް ދިވެހިންގެ ތެރެއަށް މި މައުލޫމާތު މި ހަޒާނާ ގެންނާކަށް ނެތް،" ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.
ހަދީސް ފޮތްތަކުގެ ތަރުޖަމާ ޔުނިވަރސިޓީތަކުގައި ބޭނުން ކުރުން މުހިންމު ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ ފޮތްތަކުގެ އަލީގައި ރިވެތި ދިރިއުޅުމެއް ހޯދިދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ހުސެއިން ރަޝީދު ވިދާޅުވީ މި ފޮތް ފާސްކޮށްދިނީ އިސްލާމިކް މިނިސްޓްރީއަށް ހުށައެޅިތާ 11 މަހާއި 10 ދުވަސް ފަހުން ކަމަށެވެ. ނަމަވެސް މި ފޮތުގެ 10 ވަނަ ބައި ފާސްކުރުމަށް ހުށައެޅިތާ ތިން ދުވަހުން ލިބުނު ކަމަށެވެ. އަދި 10 ވަނަ ބައި ވަރަށް އަވަހަށް ނެރޭނެ ކަމަށް ހުސެއިން ރަޝީދު ވިދާޅުވި އެވެ.