އަންނަ އަހަރުގެ އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހުރިހާ ދާއިރާއަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވީ ޖޭޕީގެ ޓިކެޓުގައި މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލާފައިވަނީ ޖެނުއަރީ 25 ވަނަ ދުވަހާ ހަމައަށް ކަމަށާއި އެ ދުވަހުގެ ނިޔަލަށް އެ ޕާޓީގެ މައި އިދާރާއަށް އެކަން ހުށަހެޅުމުން، ޕާޓީގެ ފަރާތުން ކުރަން ޖެހޭ އިދާރީ ކަންތައްތައް އިއުލާން ކުރަމުން ގެންދާނެ ކަމަށެވެ.
ޖޭޕީގެ ޓިކެޓުގައި މަޖިލިސް އިންތިހާބުގައި ވާދަކުރެވޭ ގޮތަށް ކަނޑައަޅާފައިވަނީ އާދިއްތަ ދުވަހުގެ ހަވީރު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގައެވެ. ޖޭޕީގެ ޓިކެޓުގައި މަޖިލިސް އިންތިޚާބަށް ހުށަހެޅުމުން ކުރިމަތިލާ މީހުންނަށް ޓިކެޓު ދޭނެ އުސޫލު އެ ޕާޓީން ހާމަކޮށްފައިނު ވާއިރު ޓިކެޓް ދޭނެ މީހުން ކަނޑައަޅާނީ ފަސް މެމްބަރުންގެ ކޮމިޓީ އަކުން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ޖޭޕީން ވާދަކުރާނެ ދާއިރާތައް ކަނޑައަޅާނީ ކުރިމަތިލާ މީހުންނަށް ބެލުމަށް ފަހުގައި ކަމަށެވެ.
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖެނުއަރީ ފަހުކޮޅުގައި ހުޅުވައިލުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި މަޖިލިސް އިންތިހާބު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވަން އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އަންނަ މަހު ހުޅުވާލަން ނިންމާފައިވާއިރު، ބައެއް ޕާޓީތަކުން އިންތިހާބުގައި ނުކުންނާނެ ކެންޑިޑޭޓުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޕްރައިމަރީއަކާ ނުލައި ޕީޕީއެމުން ވަނީ 42 މީހަކަށް އެ ޕާޓީގެ ފަރާތުން ވާދަ ކުރުމަށް ޓިކެޓް ހަވާލުކޮށްފައެވެ. އެމްޑީޕީން ނިންމާފައި ވަނީ އެ ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް ވާދަ ކުރާނެ ކެނޑިޑޭޓުން ހޮވުމަށް އަންނަ މަހުގެ 18 ވަނަ ދުވަހު ޕްރައިމަރީ ބޭއްވުމަށެވެ. އަދާލަތުން ވަނީ އެ ޕާޓީން ވާދަ ކުރާނެ 13 ދާއިރާ އިއުލާންކޮށްފައެވެ.