އޭޕްރީލް މަހު މަގާމު ދޫކޮށްލެއްވުމުގެ ކުރިން އުފަން ދުވަހެއްގައި ދެއްވާނެ އެންމެ ފަހު ތަގުރީރު ޖަޕާނުގެ އެމްޕެރަރ އަކިހީޓޯ ދެއްވި ދަރުބާރަށް 80،000 އަށްވުރެ ގިނަ މީހުން ހާޒިރުވެ އެ މަނިކުފާނަށް އިހުތިރާމް އަދާކޮށްފިއެވެ.
އުމުރުފުޅުން 85 އަހަރުފުޅުގެ އަކިހީޓޯ ވިދާޅުވީ އެ މަނިކުފާނުގެ އެމްޕެރަރކަމުގައި ޖަޕާނު އިތުރު ހަނގުރާމައެއްގައި ބައިވެރިނުވެ ދިއުން އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގަންނަވާކަމެއް ކަމަށެވެ.
ޖަޕާނުގެ ރައްޔިތުންނަށާއި އެ މަނިކުފާނުގެ އަނބިކަނބަލުން އެމްޕްރެސް މިޝިކޯ ދެއްވެވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވީ ވަރަށް އަސަރާއެެކުއެވެ.
އެމްޕެރަރ އަކިހިޓޯވަނީ ޖަޕާނުގެ ރައްޔިތުންގެ ތެރެއިން ބިންހެލުންތަކާއި ތޫފާނުތަކާއި އަދި ހީޓްވޭވް ފަދަ ކަންކަމުގައި ވޭތުދިޔަ ދުވަސްތަކުގައި މަރުވެ ގޮސްފައިވާ މީހުންގެ އާއިލާތަކަށް ތައުޒިއާ ވިދާޅުވެ ހަމްދަރުދީ ފޮނުއްވާފައެވެ.
އަކިހީޓޯ ތަހުތަށް އަރާވަޑައިގެންނެވީ 1989 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުއެވެ.
ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ވަޒީރުންގެ މަޖިލީހުން ވަނީ 2019 ވަނަ އަހަރުގެ އެޕްރީލް މަހުގެ 30 ވަނަ ދުވަހު ތަހުތުން ފައިބައި ވަޑައިގަތުމަށް އެމްޕެރާރ އަކިހީޓޯ ނިންމެވި ނިންމެވުން ގަބޫލު ކުރައްވާފައެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން 2016 ވަނަ އަހަރުގެ ޖޫން މަހު ޖަޕާންގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ގާނުނެއްގެ ދަށުން އަކިހީޓޯ ބޭނުންފުޅުވާ ދުވަހަކުން ތަހުތުން ފައިބައި ވަޑައިގަތުމުގެ ބާރު ދެވުނުއެވެ. މި ގާނޫނުގެ ސަބަބުން އަކިހީޓޯ ވެގެންދަނީ ވޭތުވެދިޔަ 200 އަހަރުތެރޭ އަމިއްލަފުޅު ނިންމެވުމަށް ތަހުތުން ފައިބައި ވަޑައިގަންނަވާ ޖަޕާނުގެ ފުރަތަމަ އެމްޕެރާއަށެވެ. މި ގާނޫނު ފާސް ކުރެވިގެންދިޔައީ 2016 ވަނަ އަހަރުގެ ތެރޭ ވީޑިއޯ މެދުވެރިކޮށް ދެއްވި މެސެޖެއްގައި ތަހުތު ދޫކޮށްލައްވަން ބޭނުންފުޅުވާހަކަ އަކިހީޓޯ ހާމަކުރެއްވުމުންނެވެ.
އަކިހީޓޯ ތަހުތަށް އަރާވަޑައިގެންނެވީ އެ މަނިކުފާނުގެ ބައްޕާފުޅު ހިރިހިޓޯ ނުވަތަ އާންމު ނަމުންނަމަ އެމްޕެރާ ޝޯވާ އަވަހާރަވުމާ ގުޅިގެންނެވެ. އަކިހީޓޯ ވެގެންދިޔައީ ޖަޕާނުގެ 125 ވަނަ އެމްޕެރާ އަށެވެ.
ހިތުގެ އޮޕަރޭޝަނެއްކުރައްވާފައިވާ އަދި ޕްރޮސްޓްރޭޓް ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާ އެމްޕެރަރއަށްފަހު ތަޚުތަށް ވަޑައިގަންނަވާ އަކިހީޓޯގެ ދަރިކަލުން ޕްރިންސް ނަރުހީޓޯ ތަހުތަށް އަރާވަޑައިގަންނަވާނީ 2019 ވަނަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހުއެވެ.