ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި ހިމެނޭ ވަލީދާ ވަލީދާއި ނިޝާމާ މުހައްމަދަށް ޑެޕިއުޓީ މިނިސްޓަރުކަން ދެއްވައފިއެވެ.
ރައީސުލް ޖުމްހޫރިއްޔާއަށް ގާނޫނު އަސާސީގެ ދަށުން ލިބިދޭ ބާރާއި އިހްތިޔާރުގެ ދަށުން ވަލީދާ އައްޔަން ކުރެއްވީ އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރުގެ ނައިބަކަށެވެ. އަދި ނިޝާމާ އައްޔަން ކުރައްވާފައި ވަނީ ހެލްތް މިނިސްޓަރުގެ ނައިބަކަށެވެ. އެ ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލު ކުރައްވާފައި ވަނީ ރައީސް އޮފީހުގައި އާދިއްތަ ދުވަހު ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒުއެވެ.
ނަމަވެސް މި މަގާމުތަކަށް އެ ބޭފުޅުން އައްޔަން ކުރައްވާފައިވާ ކަން ރައީސް އޮފީހުން އަދި ރަސްމީކޮށް އިއުލާން ކޮށްފައިނުވެއެވެ.
ކުރިން ފިލްމީ ދާއިރާ އިން ބޮޑު މަޝްހޫރުކަމެއް ހޯދި ވަލީދާއަކީ ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ގޮފީގެ ރައީސާއެވެ. އަދި ނިޝާމާއަކީ އެ ޕާޓީގެ ކޮމެޓީ އޮފް ޖެންޑާގެ ޗެއާއެވެ. ސަރުކާރު ހިންގައި ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ގިނަ މެމްބަރުންތަކަށް މިހާތަނަށް ސަރުކާރު އިސް މަގާމުތައް ދީފައިވެއެވެ. މީގެ ތެރޭގައި ތައުލީމީ ގޮތުން ވަރަށް ދަށް ފެންވަރުގެ ފަރާތްތައް ހިމެނޭތީ ގިނަ ބަޔަކު ދަނީ ޖޭޕީ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ވަލީދާ އަށް ޑެޕިއުޓީ މިނިސްޓަރުކަން ދިނުމުން ވެސް ސޯޝަލް މީޑިއާގައި ވަނީ ހޫނުގަދަ ބަހުސެއް ފެށިފައެވެ.