ލޯކަލް ގަވަރުމަންޓް އޮތޯރިޓީ، އެލްޖީއޭގެ ރައީސްކަމަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲ ހަމަޖައްސަވައިފިއެވެ
ހޯމް މިނިސްޓްރީން މިއަދު ބުނީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގައި މަތީން އެލްޖީއޭއާ ގުޅޭގޮތުން ރައްޔިތުން މަޖިލިސް އަށް ޖަވާބުދާރީ ވެވަޑައިގެންނެވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމަގާމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ، ހަމަޖައްސަވާފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 63 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެލްޖީއޭގެ ރައީސަކީ އެބޯޑަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރުންގެ މަޖިލީހުގެ މެންބަރެވެ. އެހެންކަމުން ހޯމް މިނިސްޓަރ އެލްޖީއޭގެ މެންބަރުކަމަށް އައްޔަންކުރުމާއެކު އެމަނިކުފާނަކީ އެއޮތޯރިޓީގެ ބޯޑުގެ ރައީސެވެ.
އެލްޖީއޭގެ ބޯޑުގައި ތިއްބަވާނީ މިނިސްޓަރާއެކު ފަސް މެންބަރުންނެވެ. އެއީ ރައީސް އައްޔަން ކުރައްވާ މިނިސްޓަރަކާއި، ޖެންޑާ އިކުއަލިޓީ ދާއިރާގެ އަންހެން ބޭފުޅަކާއި، މަދަނީ ޖަމިއްޔާއެއްގެ މެމްބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ ބޭފުޅަކާއި، އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.