އިންޑޮނޭޝީއާގެ ސުންޑަ ސްޓްރެއިޓް އަށް އެރި ސުނާމީ ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާ އެކު ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވެފައި ވަނީ އިންޑޮނޭޝިއާ އަށް މިއަދު އެރި ސުނާމީގެ ތައުޒިއާ ދެންނެވުމަށް އެ ގައުމުގެ ރައީސް ޖޮކޯ ވިޑޯޑޯ އަށް ފޮނުއްވެވި ތައުޒިއާގެ މެސެޖްގައެވެ.
ރައީސް ސޯލިހުގެ މެސެޖްގައި ވިދާޅުވީ ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުން ވީ އެންމެ އަވަހަކަށް އަރައިގަނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މީގެ އިތުރުން މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި، ރައްޔިތުންގެ ނަމުގައި ރައީސް ވަނީ އިޚްލާޞްތެރިކަމާ އެކު ހަމްދަރުދީ ފޮނުއްވާފަ ވެއެވެ. ރައީސް ސޯލިހުގެ އިތުރުން ބޭރުގެ އެކި ގައުމުތަކުން ދަނީ އިންޑޮނޭޝިއާ އަށް ތައުޒިއާގެ މެސެޖްތައް ފޮނުވަމުންނެވެ.
އިންޑޮނީޝިއާގެ ސުންޑަ ސްޓްރެއިޓް ސަރަހައްދަށް އެރި ސުނާމީގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 222 އަށް އަރާ އިރު އެތައް ހާސް ބަޔަކު ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައި ވަނީ ޕަންޑެލަންގް، ސައުތު ލަމްޕަންގް އަދި ސެރަންގް ސަރަހައްދުންނެވެ. ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކަމާ ބެހޭ އޮފިޝަލުން ވަނީ ބުނެފައެވެ.