އެމްޑީޕީގެ ޕްރައިޕަރީގެ ވޯޓާސް ލިސްޓައް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލާފައި ވާކަމަށް އެމްޑީޕީ އޮފީހުގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.
އަފްޝަން ވިދާޅުވީ ވޯޓާރސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި ޝަކުވާ ހުށައެޅުމުގެ ދެވަނަ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މީގެ އިތުރުން އެމްޑީޕީގެ މެންބަރޝިޕް ކޮމެޓީގެ މެންބަރު އަހުމަދު ޝާހިދު ވިދާޅުވީ ވޯޓާސް ލިސްޓަށް މިހާތަނަށް 1000 ވުރެން ގިނަ ޝަކުވާ ހުށައަޅާފައިވާ ކަމަށާއި މިހާތަނަށް އެންމެ ގިނައިން ހުށައަޅާފައި ވަނީ ލިސްޓްގައި ނަން ނެތިގެން ހުށަ އަޅާފައިވާ ޝަކުވާތައް ކަމަށެވެ.
އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންނަށް ވޯޓު ލެވޭނީ މި މަހުގެ 7 ވަނަ ދުވަހުގެ 11:00ގެ ކުރިން ޕާޓީގެ މެމްބަރަކަށް ވުމަށް އެދި މެމްބަޝިޕް ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް އެކަންޏެވެ. ޕްރައިމަރީއާ ދިމާކޮށް 33000 އަށް ވުރެ ގިނަ މީހުން އެމްޑީޕީއަށް ވަނުމަށް ފޯމް ހުށަހަޅާފައިވެއެވެ.
އަލަށް ގުޅުނު މެމްބަރުންނާ އެކު އެމްޑީޕީގެ މެމްބަރުންގެ އަދަދު 81000 އަށް ވުރެ އިތުރު ވެފައިވާއިރު އެ އެންމެނަށް ޕްރައިމަރީގައި ވޯޓް ލެވޭނެ ކަމަށް އެމްޑީޕީގެ އޮފީހުން ވިދާޅުވިއެވެ.
އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަ ކުރުމަށް ހުޅުވާލި ފުރުސަތު މިދިޔަ ބުދަ ދުވަހުގެ ހަވީރު 4:00 އަށް ހަމަވެފައި ވާއިރު 280 ފޯމް ހުށައަޅާފައި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 259 ފިރިހެނުންނާއި 21 އަންހެނުން ކަމަށް އެމްޑީޕީ އޮފީހުން ބުނެއެވެ.
އެގޮތުން 87 ދާއިރާއަކަށް ވާދަކުރެއްވުމަށް އެޕާޓީގެ ގައުމީ މަޖިލީހުން ނިންމަވާފައި ވާއިރު ކެންޑިޑޭޓަކު ވާދަނުކުރާ ހަމައެކަނި ދާއިރާއަކީ ނިލަންދޫ ދާއިރާއެވެ. އެންމެ ގިނައިން ކެންޑިޑޭޓުން ވާދަކުރާ ދާއިރާއަކީ ވިލިމާލެ ދާއިރާއެވެ. އެ ދާއިރާއަށް 9 ފަރާތަކުން ކުރިމަތި ލާފައިވާ ކަމަށް އެ އޮފީހުން މައުލޫމާތުދެއެވެ.
މީގެ އިތުރުން ޕްރައިމަރީއަކާ ނުލައި 10 ދާއިރާއެއްގެ ޓިކެޓް ކެންޑިޑޭޓުންނަށް ލިބިފައިވާ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ. އެއީ އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީއެވެ.