މާލޭގައި 16 ފެބްރުއަރީ 2018 ގައި ކުރި މުޒާހަރާ ކަވަރކުރަމުން ދަނިކޮށް ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަން ހައްޔަރުކޮށް އަނިޔާކުރި ކަމަށް ބުނެ ރާއްޖެ ޓީވީގެ ފަރާތުން ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށައެޅި މައްސަލަ ސާބިތު ނުވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ ބަޔާނުގައި ބުނެފައި ވަނީ ހުސައިން އަށް އަނިޔާކުރީ ކޮން ފުލުހެއްކަން ނޭނގޭ ކަމަށާއި، ފުލުހުން ޤަސްދުގައި ހުސައިން އަށް އަނިޔާއެއް ނުދޭ ކަމަށެވެ.
އެ ކޮމިޝަނުން ނިންމި ނިންމުމުގައި އިތުރަށް ބުނެފައި ވަނީ މާއްދީ ގޮތުންނާއި، ނަފްސާނީ ގޮތުން ނުވަތަ ލާއިންސާނީ ގޮތުން އެއްވެސް އިހާނެތި އަމަލެއް ފުލުހުންގެ ފަރާތުން ހުސައިންއާ މެދު ގަސްދުގައި ކޮށްފައިވާކަން ތަހުޤީޤަށް އެނގެން ނެތް ކަމަށެވެ.
އޭގެ އިތުރުން މެޑިކަލް ލިއެކިއުންތަކާއި ސިއްހީ މާހިރުންގެ ލަފައިން އަނިޔާވެފައިވާކަން ކަށަވަރުވީ ނަމަވެސް އަނިޔާ ލިބިފައި ވަނީ ކޮން ގޮތަކުންކަން ފާހަގަ ނުކުރެވޭ ކަމަށް އެ ނިންމުމުގައި އިތުރަށް ބުނެފައި ވެއެވެ.
އެންޓި ޓޯޗަރ ޤާނޫނުގެ ދަށުން ފުލުހުންނާ ދެކޮޅަށް ހުށައެޅި މި މައްސަލައާ ގުޅިގެން މުޒާހަރާ މޮނިޓަރ ކުރުމުގައި ހަރަކާތްތެރިވި ކޮމިޝަނުގެ ރިޕޯރޓުގައި ހުސައިން ހައްޔަރު ކުރިއިރު ބާރުގެ ބޭނުން ކޮށްފައިވާތަން އެ ކޮމިޝަނުގެ އޮފިސަރަކަށް ފެނިފައިވާކަން ބަޔާންކޮށްފައި ވެއެވެ.
ކޮމިޝަނަށް ލިބިފައިވާ ބަޔާންތަކުގައި ފުށުއެރުން ހުރި ކަމަށް ބުނެ އެ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމާފައިވީ ނަމަވެސް، އެއްޗަކުން ތެޅުމުގެ ސަބަބުން ހުސައިންގެ ބަނޑާއި މޭމަތީގައި އެކި ޒަހަމްތައް ހުރި ކަމަށާއި، އެ އަނިޔާތަކާއި ގުޅިގެން 24 ގަޑިއިރުވަންދެން އެޑްމިޓް ކޮށްގެން ފަރުވާ ދީފައިވާ ކަމަށް މެޑިކަލް ލީގަލް ރިޕޯރޓުގައި ވެސް ބުނެއެވެ.