ރާއްޖޭގެ ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް މިއަދު އުދަ އެރުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނީ ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ތޫފާންތަކުގެ ސީދާ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ. ނަމަވެސް މި ތޫފާންތަކުން އުފެދޭ ބޮޑަތި ރާޅުތަކުގެ ސަބަބުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މިއަދު އުތުރުގެ ސަރަހައްދުތަކަށް އެންމެ ދިޔަވަރު ބޮޑުވާނީ 11:09 ގައެވެ. މެދުތެރޭގެ ސަރަހައްދުތަކަށް 12:47 ގައި ދިޔަވަރު އެންމެ ބޮޑުވާއިރު ދެކުނުގެ ސަރަހައްދުތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ 13:49 ގައި ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ.
ދިޔަވަރު ބޮޑު ގަޑިތަކުގައި ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު އޮތް ނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ މޫސުން އާއްމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ އިން ބުނެއެވެ.
ވައިޖެހޭނީ ހުޅަނގު އުތުރާއި އުތުރުން ގަޑިޔަކު 03 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށާއި މިދުވަސްވަރަކީ ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް މިއަހަރު ތެރޭގައި އެންމެ ދިޔަވަރު ބޮޑުވާ ދުވަސްވަރު ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.