ހޮނިހިރު ދުވަހު އިންޑޮނޭޝިއާއަށް އެރި ސުނާމީގައި މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 186 އަށް އަރައިފިއެވެ.
އިންޑޮނޭޝިއާގެ ޑިޒާސްޓަރ މެނޭޖްމަންޓް އޭޖެންސީން ބުނީ ސުނާމީގައި 745 މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވާކަމަށެވެ.
އިންޑޮނޭޝިޔާގެ ޖާވާ އާއި ސްމަތުރާއާ ދެމެދު އޮންނަ ސަންޑާ ސްޓްރައިޓް ކަނޑުގައި އުފެދުނު ސުނާމީގައި އެތަށް ބައެއްގެ ގެދޮރު ގެއްލިފައިވާއިރު މަރުވި މީހުންނާއި ގެއްލުން ވި ފަރާތްތައް އިތުރުވެދާނެކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެއެވެ.
ހޮނިހިރު ދުވަހުގެ ރޭ މެންދަމު އިންޑޮނޭޝިއާއަށް އައި ސުނާމީގެ އަސަރު ބޮޑުވީ ހަނދުވަރު މޫސުމުގައި ދިޔަވަރު ބޮޑުވުމުން ކަމަށް ބެލެވޭ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓުން ބުނެއެވެ. ސުނާމީ އުފެދުނީ އަލިފާން ފަރުބަދައެއް ގޮވައި ކަނޑުއަޑިން ބިންގަޑު ކަނޑައިގެން ދިއުމުގެ ސަބަބުންނެވެ.
އިންޑޮނީޝިއާގެ ޖިއޮލޮޖިކް އޭޖެންސީން ބުނީ ހުކުރު ދުވަހު ފަރުބަދަ ގޮވާފައިވާއިރު ފަރުބަދައިގެ ގޮވުން 12 ސިކުންތައް ދެމިގެންގޮސްފައިވާ ކަމަށާއި ފަރުބަދައިން އެރި ދުމާއަޅި 400 މީޓަރަށް އަރާފައިވާ ކަމަށެވެ.
އެ އޭޖެންސީން ވަނީ ފަރުބަދައާ ދެ ކިލޯމީޓަރަށްވުރެ ކައިރީގައި ނުތިބުމަށް އިލްތިމާސްކޮށްފައެވެ.